ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ގައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން ހުކުރު ދުަވަހު 1019 މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިއްޔެ ވެކްސިން ޖެހި 1019 މީހުންނާއެކު މިހާރު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 315،029 އަށް އަރާފައި ކަމަށެވެ. ހުކުރު ދުވަހު ވެކްސިން ޖަހާފައި ވަނީ ހަމައެކަނި އަތޮޅުތެރޭގެ ރަށްތަކުގައެވެ. އެގޮތުން ހުކުރުދުވަހު ވެކްސިން ފުރިހަމަ ކުރި 1019 މީހުންނަކީ ހަމައެކަނި އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ.

ކޮވިޑުން ދިފާއުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހުކުރު ދުވަހު 246 މީހުން ވަނީ ޖަހާފައެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 388،299 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރު އަންނަނީ ފައިޒާ ވެކްސިން ޖަހައިދެމުންނެވެ

މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ގެންދާއިރު، ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ޖަހައި ދެމުންނެވެ.