އައްޑޫގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1128 އަށް އަރައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، އިއްޔެ އެކަނިވެސް އެ ސިޓީން 21 މީހަކު ވަނީ އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެ ތެރެއިން 8 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ. މަރަދޫ އިން 9 ކޭސް، ފޭދޫއިން 3 ކޭސް އަދި މީދޫއިން އެއް ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިހާތަނަށް ޖުމުލަ 1128 މީހަކަށް އައްޑޫގައި ކޮވިޑް ޖެހިފައިވާއިރު، އޭގެ އެތެރެއިން ރަނގަޅު ނުވެ ތިބި މީހުންގެ އަދަދު 320 އަށް އަރައެވެ. އެކްޓިވް ކޭސްތައް އެންމެ ގިނައީ މަަރަދޫގަ އެވެ. އެއީ 134 އެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 10 ކޭސް، ފޭދޫގައި އެކްޓިވް 28 ކޭސް، ހިތަދޫގައި 105، މީދޫގައި 33 ކޭސް އަދި ހުޅުދޫގައި 10 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 7 ޑައިރެކްޓް ކޮންޓެކްޓާ އަދި ފުލޫ ކްލިނިކުން 4 ސާމްޕަލްއެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ހުޅުދު އާއި މީދޫ މޮނިޓަރިން އަށް ލީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫން ކޮވިޑު ޖެހިގެން އައްޑޫން ހަތަރު މީހަކު ވަނީ މަރުވެފައިވެއެވެ.