ދައްކަން އުޅުނު ވާހަކަ ދައްކާނަން ކަމަށާއި އަދި ރާއްޖެ އެނބުރި ދާނަން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ދައުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އިންސާފުވެރި އަދުލްވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދާ ދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށެވެ.

އަލީ ވަހީދު އެ އިޝާރާތް ކުރައްވީ ޔޫކޭގެ ފުލުހުން އޭނާ ހައްޔަރުުކުރި ދުވަހު ބާއްވަން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވުމަށް ނިންމެވި ވާހަކަތަކަށް ކަަމަށް ބެލެވެއެވެ. ހައްޔަރުކުރި ދުވަހު އަލީ ވަނީ ޕްރެސް ކޮންފަރެންސް އޮންނާނެ ކަމަށް ޓްވީޓެއް ވެސް ކުރައްވާފައެވެ. އެ ޕްރެސް އޭނާ ބާއްވަން އިންތިޒާމްކޮށްފައި އޮތީ ނޫސްވެރިން ހިމެނޭ ގޮތަށް ވާޗުއަލްކޮށެވެ.

އަލީ ވަހީދު އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ޓްވީޓެއް ކުރައްވާފައި މިވަނީ އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން ޔޫކޭ ފުލުހުން ދިވެހި ފުލުހުންނަށް އަންގާފައިވަނިކޮށެވެ. އެކަން ފުލުހުން ކަށަވަރުކޮށްދިނީ މިމަހުގެ ހަވަނަ ދުވަހުއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށް ދައުވާތައް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޔޫކޭގައި ހައްޔަރު ކޮށްފައި މިދިިޔަ މަހުގެ ފަންސަވީސް ވަނަ ދުވަހުއެވެ. ނަމަވެސް މި މަހުގެ ހަވަނަ ދުވަހާއި ހަމައަށް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލްއާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.

އެ 7 ދައުވާގެ އަޑުއެހުން މިދިޔަ މަހުގެ 26 ވަނަ ދުވަހަށް ތާވަލް ކުރުމަށްފަހު އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.