ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް މަގުދައްކާ އަދި އާންމު ރައްޔިތުންގެ ދިރިއުޅުން ބައްޓަންކުރުމުގައި ސްޓްރެޓީޖިކް އިންޓެލިޖެންސްގެ ދައުރު ވަރަށް ބޮޑު ކަމަށް، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެހެން ވިދާޅުވީ، މިމަހުގެ 6 އިން 8 އަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ 14 ވަނަ އިންޑޯ-ޕެސިފިކް އިންޓެލިޖެންސް ޗީފްސް ކޮންފަރެންސް ހުޅުވުމަށް، ހޯމަދުވަހު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިންޑޯ-ޕެސިފިކް އިންޓެލިޖެންސް ޗީފްސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޑިފެންސް މިނިސްޓްރީ

މިއަހަރުގެ ކޮންފަރެންސްގެ މައުޟޫއަކީ "އޯވާކަމިން ގްލޯބަލް އިންޓެލިޖެންސް ޗެލެންޖަސް ތުރޫ ޕާޓްނާޝިޕްސް"، ނުވަތަ ބައިނަލްއަގްވާމީ އިންޓެލިޖެންސް އިދާރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމު ކަމެވެ.

މާރިޔާގެ ވާހަކަގައި ވަނީ، 2 ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ އަދި ކަނޑުމަގުން ކުރާ ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އިންޑިޔާ ކަނޑު ހިމެނޭ ސަރަހައްދުގައި އިސްތިރާޖީގޮތުން އައިސްފައިވާ މައިގަނޑު ބަދަލުތަކާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

އެގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދޭދޭ ގައުމުތަކުން ގުޅިގެން، އިންޓެލިޖެންސް މައުލޫމާތާއި ބެސްޓް ޕްރެކްޓިސް ހިއްސާކުރުމާ، ޓެރަރިޒަމާ ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކާ ދެކޮޅަށް ޓްރެއިނިންގްތައް ހިންގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަބަދުވެސް ބާރުއަޅުއްވާ ކަމެއް ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އެ ކޮންފަރެންސް މެދުވެރިކޮށް، އެކަން ކުރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، މާރިޔާ ވަނީ ވިދާޅުވެފައެވެ.

އިންޑޯ-ޕެސިފިކް އިންޓެލިޖެންސް ޗީފްސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޑިފެންސް މިނިސްޓްރީ

އޭގެ އިތުރުން 99.7 ޕަސަންޓު ފެނުގެ މައްޗަށް އެކުލެވިފައިވުމުގެ އިތުރުން، އެއްހާހަށްވުރެ ގިނަ ރަށުގެ ތެރެއިން، އެއްބައި ރަށްރަށުގައި މީސްކޮޅު މަދު، އަދި ތޮއްޖެހި ފިތިފައި އޮންނަ މާލެއަކީ ވެރިރަށްކަމުގައިވާ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ސަލާމަތާ ރައްކާތެރިން ކަށަވަރުކުރުމުގައި، ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް މާރިޔާ ވަނީ އަލިއަޅުއްވާ ލައްވާފައެވެ.

އެރަސްމިއްޔާތުގައި 20 އަށް ވުރެ ގިނަ ގައުމުގެ ޑިފެންސް އިންޓެލިޖެންސްގެ އިސްވެރިން ބައިވެރިވިއެވެ.