ދުނިޔޭގައި މިވަގުތު އެންމެ ހުދުމުހުތާރު ވެރިކަމެއް ކުރަމުން އަންނަ ގައުމުގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގުވާ އެއް ގައުމަކީ އުތުރު ކޮރެއާއެވެ. އުތުރު ކޮރެއާގެ ގައުމީ މުނާސަބާތަކާ އިހުތިފާލްތަކަކީ، އެ ގައުމަށް ލިބިފައިވާ އާދަޔާ ހިލާފު ބާރުވެރިކަން ރަމްޒުކޮށްދިނުމުގެ ފަހްރެއްގެ ގޮތުގައި އެ ގައުމުން، އެކަމެއްގެ ފައިދާ ހާސިލު ކުރާ ދުވަސްތަކެކެވެ.

ކަން މިހެން އޮތް ނަމެވެސް، އުތުރު ކޮރެއާގެ 73 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމުގެ ކުލަގަދަ އިހުތިފާލު މިފަހަރު ކުރިއަށް ގެން ގޮސްފައި ވަނީ ރޭގަނޑުގެ ވަގުތުގައެވެ. އާންމު ކޮށްފެންނަ ބެލިސްޓިކް މިސައިލްތަކެއް ނުފެނެއެވެ. އާންމު ކޮށްފައިވާ މަންޒަރުތަކުން ފެންނަނީ އޮރެންޖު ކުލައިގެ ހެޒްމެޓް ސޫޓުގައި މާޗް ކުރާ މަންޒަރެވެ.

އުތުރު ކޮރެއާގެ 73 ވަނަ ގައުމީ ޕެރޭޑްގެ ތެރެއިން / ފޮޓޯ: ކޭސީއެންއޭ | ރޮއިޓާޒް

މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ކުރާ ހަނގުރާމަ ރަމްޒުކޮށްދިނުމަށް ކުރި ކަމަކަށްވެސް ވެދާނެއެވެ. އުތުރު ކޮރެއާގެ ކޮވިޑް ކޭސްތަކާ ބެހޭ ރަސްމީ އެއްވެސް މައުލޫމާތެއް އެގައުމުން ދުނިޔެއަކަށް ހާމައެއް ނުކުރެއެވެ. ނަމަވެސް އެގައުމުން ވަނީ ބޯޑަރުތައް ބަންދުކޮށް، ރައްކާތެރި ކަމުގެ ފިޔަވަޅުތައް، އޭގެ އެންމެ އިންތިހާއަށް ވަރުގަދަ ކޮށްފައެވެ.

އަސްކަރީ ސިފައިން ރައިފަލް ހިފައިގެން ތިބިއިރު، އެހެން ފަހަރުތަކާ ހިލާފަށް، ލީޑަރު ކިމް ޖޮންގް އުންގެ ހާއްސަ ތަގުރީރެއްވެސް މިފަހަރު އަޑެއް ނީއްވައެވެ.

ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދާފައިވާ އުތުރު ކޮރެއާއިން އެ ބާރު ދޫކޮށްލުމަށް، ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ އެ ގައުމަށް ޑިމާންޑް ކުރަމުންނެވެ. ނަމަވެސް މިސައިލް މަޝްރޫއު ދޫކޮށްލުމަށް އުތުރު ކޮރެއާއިން އަދިވެސް އިޖާބައެއް ދީފައި ނުވާއިރު، އެ ގޮވާލުންތަކަށްވެސް އެ ގައުމުން ދެނީ ބީރު ކަންފަތެކެވެ.