އައިޕީޔޫ އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކާސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު އދގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެނބުރި ނިއުޔޯކަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިއުޔޯކަށް ވަޑައިގަތުމަށްފަހު، މިވަގުތު ނިއުޔޯކްގައި ހުންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިނާކްޝީ ލޭކީ އާ ޝާހިދު ބައްދަލުކުރެއްވި ކަމަށެވެ.

އަދި މީގެ އިތުރުން އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު ހުންނަވާ ދައުރުގައި، އޭނާގެ ތަރުޖަމާނެއްގެ ގޮތުގައި މޮނިކާ ގްރޭލީ ހަމަޖައްސަވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މޮނިކާއަކީ މިވަގުތު ޔޫއެން ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ. އަދި އޭނާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ މަރިއާ ފެރްނާންދާ އެސްޕިނޯސާ ގެ ތަރުޖަމާނުކަން 2018/2019 ގައި ކުރައްވާފައެވެ.

ޝާހިދު ރަސްމީކޮށް އދގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ ސެޕްޓެމްބަރު 14، 2021 ގައެވެ.