އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ވާދަކުރެވޭނެ ކަމަށް ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުލޫފަށް އެއިންތިހާބުގައި ބައިވެރިވެވޭނެ ގޮތަށް ނިންމާފައިވަނީ ދާދި ފަހުން އިންތިހާބު ކުރި އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުންނެވެ.
އިންތިހާބުގައި މަހުލޫފް ކުރިމަތި ލައްވާފައިވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.
އިންތިހާބުގައި މަހުލޫފު ބައިވެރިވާނެކަން އިއުލާނު ކުރި ނަމަވެސް މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެމްޑީޕީން މަހުލޫފަށް ފޮނުވި ސިޓީއެއްގައި ވަނީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެފައެވެ. އަދި އެގޮތަށް ނިންމީ މަހުލޫފްގެ މައްސަލައެއް އިދާރާތަކުން ބަލަމުންދާތީ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތީ މެއި 29 ގައެވެ. އެހެންނަމަވެސް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލައާ ގުޅިގެން އިންތިހާބު ވަނީ ސެޕްޓެމްބަރު މަހަށް ފަސްކޮށްފައެވެ.
އެމްޑީޕީން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދި މަރުތަކުގެ ކޮމިޝަނުން ބަލާ އެއްވެސް މައްސަލައަކާ ގުޅުން ހުންނަ މީހަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭގޮތަށް ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވިތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ވަކިގޮތެއް ޕީޖީ އޮފީހުން އަދި ނިންމާފައެއް ނުވެއެވެ.
މަހުލޫފު ވަނީ އޭނާއާ މެދު ޕީޖީން ތަފާތު ކުރާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި އޭނާއަށް ކުރެވޭ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ހެކި ނުހުންނާނެ ކަަމަށާއި، އެ މައްސަލަ ކޯޓަށް ފޮނުވައިފިނަމަ "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވިދާޅުވެފައެވެ.