ގޯތި ދޭނެ ކަމަށް ބުނެ މިސަރުކާރުން ވި ވައުދު ނުފުއްދާ އަލުން ވެރިކަމަށް ނާދެވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ކުދި ބިންކޮޅުތައް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެތަންކޮޅު ދޫކޮށްލާ ފަރާތްތަކަށް ގޯތި ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެން ވައުދު ފުއްދަވާ ދެއްވުމަށް އެދި މަޖިލީހަށް މައްސަލަ ހުށަހަޅާ ބަހުސްކުރަން މިއަދު ވަނީ ފަށާފައެވެ.

ބޮންޑެ ހުށަހެޅުއްވި އެމައްސަލާގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބައެއް ވައުދުތައް ފާހަގަކުރައްވާފައިވާއިރު އޭގެ ތެރޭގައި އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންތަކުގައި އާ، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އެ މީހުން އިހްތިޔާރު ކުރާ އެހެން ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުކޮށްދިނުމުގެ ވައުދު ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، އިމާރާތް ކުރާނެ ތަނަވަސްކަން ނެތް އާއިލާތައް ދެނެގަނެ ލުއިފަސޭހަކޮށް އިމާރާތް ކުރެވޭ މަގު ހޯދައިދިނުމުގެ ވައުދު ވެސް ވަނީ ފާހަގަކުރައްވަފައެވެ.

އެ މައްސަލަ ހައްލުކޮށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ސޯލިހްވެވަޑައިގެން ވައުދު ލަސްނުކޮށް ފުއްދައިދިނުމަށް ވަނީ ގޮވާލައްވާފައެވެ.

އެ ވައުދު ނުފުއްދާ މި ސަރުކާރަށް އަލުން ވެރިކަން ނުލިބޭނެ ކަމަށް ބޮންޑެ ވަނީ ވިދާޅުވެފައެވެ.