ހދ. ނޮޅިވަރަމްގެ ކޮވިޑުގެ ހާލަތު ގޯސްވެ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މެންބަރު މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ނޮޅިވަރަމުގައި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފާވާއިރު އެ ރަށުގައި ބަލި މީހުން އުފުލުމަށް އެމްބިއުލާންސެއް ނެތުމުން އެކަން ކުރަމުންދަނީ ޕިކަޕެއްގައިކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެގޮތަކީ ބަލިމީހުންނަށް އެންމެ ރައްކާތެރި ގޮތް ނޫންކަން ފާހަގަކުރައްވައި މޮސްޓާ ވިދާޅުވީ އެކަމަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.

މޮސްޓާ ވިދާޅުވީ ސިއްހީ މަރުކަޒުގެ ތިން މުވައްޒަފަކު މިހާރުވެސް ކޮވިޑަށް ފަރުވާ ހޯދަމުންދާ ކަމަށާއި ނޮޅިވަރަމުގެ ރައްޔިތުންނަށް ވަނީ ކޮވިޑުގެ އާލަމީ ވަބާގައި ވަރަށް ބޮޑު ހިތްދަތި ދުވަސްތަކެއް ގުނަންޖެހިފައި ކަމަށެވެ.

ޕޮޒިޓިވް ކޭސްއެއް ފެނި ނޮޅިވަރަމް މޮނިޓަރިންނަށްލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. މިހާތަނަށް 202 ޕޮޒިޓިވް ކޭސް ވަނީ އެ ރަށުން ފެނިފާވެއެވެ.

ނޮޅިވަރަންފަރުގައިވެސް ކޮވިޑު ހަލުއިކަމާއެކު ފެތުރެމުން އަންނަކަން މޮސްޓާ ވަނީ ވިދާޅުވެފައެވެ. އަދި އެ ދެ ރަށަށްވެސް ބޭނުންވާ އެހީތެރިކަން ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް އޭނާ ގޮވައިލެއްވިއެވެ.

ނޮޅިވަރަންފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. މިހާތަނަށް އެ ރަށުން 3 ކޭސް ވަނީ ފެނިފައެވެ.