ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އަޅާފައި ވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ހިލާފުވެ، ކޮވިޑް ފަތުރަމުން ދިޔަ ވިއެޓްނާމްގެ ފިރިހެނެއްގެ މައްޗަށް، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ކޯޓުން ބެލި ބެލުމުން، ލީ ވާން ޓްރީ ނަމަކަށް ކިއާ ފިރިހެން މީހާ ވަނީ، 8 މީހަކަށް ބަލި ފަތުރާފައެވެ. އަދި އޭގެ ތެރެއިން 1 މިހާރު މި ދުނިޔޭގައި ނެތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދާދި ފަހަކާ ޖެހެންދެން، ވިއެޓްނާމަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ލާމަސީލު ގައުމެއްގެ ގޮތުގައި އޮތް މަންޒިލެކެވެ. މާ ހަރުކަށި ފިޔަވަޅުތަކަކާ ނުލާވެސް އެ ގައުމުން ދިޔައީ ކޮވިޑްގެ ކޭސްތައް ކޮންޓްރޯލް ކުރަމުންނެވެ. ނަމަވެސް މި ޖޫން މަހުން ފެށިގެން އެ ގައުމަށްވެސް ވަނީ ކޮވިޑްގެ ތަކުލީފުތަކާ ކުރިމަތިވެފައެވެ. ސަބަބަކީ ވީ، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓެވެ.

ގިނަ ކޭސްތަކެއް ފެނިފައި ވަނީ ހޯ ޗީ މިންހް ސިޓީއިންނެވެ. އުމުރުން 28 އަހަރުގެ ލީ ވާން ޓްރީ އަކީ ހޯ ޗީ މިންހް ސިޓީއިން، އޭނާގެ އުފަން ސިޓީ ކާ މާއޫއަށް ސައިކަލެއްގައި ދުއްވި މީހެކެވެ. އަމިއްލަ ވަޒަނަށް ގޯސް، އޭނާ ވަނީ، އޭނާގެ ދަތުރު ރެކޯޑް އޮޅުވާލާފައެވެ. އަދި އައިސޮލޭޝަންގެ ގަވައިދުތަކާވެސް ހިލާފު ވެފައެވެ. އޭރު އުސޫލުތައް އޮތް ގޮތުން ކާ މާއޫއަށް ދަތުރު ކުރާ ހުރިހާ އެންމެންވެސް 21 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ލާޒިމެވެ.

ލީ ވާން ޓްރީ ކޮވިޑަށް ޕޮޒިޓިވްވެ، އާއިލާގެ އިތުރު މެންބަރުންތަކަކާ، އޭނާ ދިޔަ ވެލްފެއާ ސެންޓަރެއްގެ މުވައްޒަފަކަށްވެސް ބަލި ފެތުރިއެވެ.

1 ދުވަހަށް ދެމިގެން ދިޔަ ޝަރިޔަތަށް ފަހު، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް، ލީ ވާން ޓްރީ މައްޗަށް އިއްވާ، 880 ޑޮލަރުން އޭނާ ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.