ސްޕެއިންގެ އުތުރުގެ ސަރަހައްދުގެ ހޮސްޕިޓަލެއްގައި މީގެ 19 އަހަރު ކުރިން އުފަންވި އަންހެން ކުއްޖެއް، އެ ހޮސްޕިޓަލަށް އެރި އޮޅުމެއްގައި "ނުބައި" ބެލެނިވެރިންނާ ހަވާލު ކޮށްފައި ވާ ކަމަށް ބުނެ، އެ ކަމުގެ މާލީ ބަދަލު ހޯދަން، މީހަކު ޑިމާންޑް ކޮށްފިއެވެ.

ހޮސްޕިޓަލުން "ނުބައި" ބެލެނިވެރިންނާ ހަވާލު ކޮށްފައި ވާ ކަން ކަށަވަރު ކުރީ ޑީއެންއޭ ޓެސްޓު ހަދައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ހޮސްޕިޓަލަށް އެރި އޮޅުމުގައި، "ނުބައި" ބެލެނިވެރިންނާ ހަވާލު ކުރެވުނީ އެއް ދުވަހަކާ ވިހޭ 2 ކުދިންނެވެ. އެ 2 ކުދިންނަކީވެސް އުފަންވުމާއެކު އިންކިއުބޭޓަރުގައި ފަރުވާ ދިން 2 ކުދިންނެވެ. އަދި އުފަން ބެލެނިވެރިޔާ ނޫން، އެހެން ބެލެނިވެރިއަކާ 2 ކުދިން ހަވާލު ކުރުމުގައި އޮޅުން އެރީ އޭގެ ފަހުން ކަމަށްވެއެވެ.

ހޮސްޕިޓަލު ހުރި ސަރަހައްދުގެ ސަރަހައްދީ ސަރުކާރުން ވަނީ މިފަދަ އޮޅުމެއް އަރާފައި ވާ ކަމަށް އިއުތިރާފްވެފައެވެ. އަދި އެއީ "ހިއުމަން އެރާ" ނުވަތަ މީހަކަށް ހެދުނު ގޯހަކުން އެރި އޮޅުމެއް ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ގޯސް ހެދުނީ ކާކަށް ކަމެއް ކަނޑައަޅާނެ ފުރުސަތެއް ނެތް ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ސަރަހައްދީ ހެލްތު މިނިސްޓަރު ސޭރާ އެލްބާ ވަނީ، މި ޒަމާނުގައި މިފަދަ ކަމެއް ހިނގުމުގެ ފުރުސަތު ނޯންނާނެ ކަމަށާ، ކުދިން ވަކިކުރަން މިހާރު ބޭނުން ކުރާ ނިޒާމަކީ ރައްކާތެރި އަދި އިތުބާރު ހިފޭ ނިޒާމެއް ކަމަށެވެ.

މި ހާދިސާގައި "ނުބައި" ބެލެނިވެރިންނާ ހަވާލު ކުރެވުނު 1 އަންހެނަކު ދަނީ، ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 3.5 މިލިއަން ޑޮލަރު ހޯދުމަށް ވަކާލާތު ކުރަމުންނެވެ. އެއީ ގާތްގަނޑަކަށް 3 މިލިއަން ޔޫރޯއެވެ. ނަމަވެސް ސަރަހައްދީ ހެލްތު މިނިސްޓްރީން ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައި ވަނީ އެންމެ 215000 ޔޫރޯއެވެ.

ޝަކުވާ ހުށަހަޅާ، މާލީ ބަދަލު ހޯދަން ވަކާލާތު ކުރާ އަންހެން މީހާ ބަލާ ބޮޑު ކުރީ، އޭނާގެ މާމަ ކަމަށް މި ހުރިހާ ދުވަހު ހީކުރި މީހާއެވެ. ދަރިފުޅުގެ ބައްޕަ އަތުން ލިބެން ޖެހޭ މާލީ އެހީ ނުލިބިގެން 2017 ވަނަ އަހަރު، އެ މާމަ ވަނީ ކޯޓަށް މައްސަލައެއް ވައްދާފައެވެ. ކޯޓުން އަމުރު ކުރީ ޑިއެންއޭ ޓެސްޓު ހެދުމަށެވެ. ކޯޓު އަމުރަށް ހެދި ޑީއެންއޭއިން، ދަރިފުޅުގެ ބައްޕަ ކަމަށް ހީކޮށްގެން އުޅުނު މީހަކީ ބައްޕަ ނޫންކަން ކަށަވަރު ވިއެވެ. އަދި މަންމަ ކަމުގައި ބެލި މީހާއާވެސް ޑީއެންއޭ ދިމާ ނުވާކަން ކަށަވަރު ކުރިއެވެ.

އުމުރުން 16 ގައި އެ އަންހެން ކުއްޖާ ވަނީ ގާނޫނީ ވަކީލުންގެ އެހީއަށް އެދިފައެވެ. އަދި ހޮސްޕިޓަލަށް އޮޅުން އަރަންވެސް އޮތީ އެންމެ އަންހެން ކުއްޖެއްކަން ތަހުގީގުތަކަށް އެނގުނެވެ.

މިހާރު އުމުރުން 19 އަހަރު ފުރިފައިވާ އަންހެން މިހާ، މިހާރު އިންތިޒާރު ކުރަމުން ދަނީ، އޭނާގެ ހަގީގީ މައިންބަފައިންނާ ޑީއެންއޭ ދިމާވޭތޯ ހެދި ޓެސްޓުގެ ނަތީޖާއަށެވެ.

މި ހާދިސާގެ ޝިކާރައަކަށްވި 2 ވަނަ ތުއްތު ކުއްޖާ، ނުވަތަ މިހާރު ތަސައްރަފު ފުދިފައިވާ އަންހެން މީހާއަށްވެސް މި ކަމުގެ ތަފްސީލުތައް ހިއްސާކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

މިކަމުގައި ޝާމިލުވާ އެއްވެސް މީހެއްގެ ޒާތީ ވަނަވަރެއް، މީޑިއާއަށް އާންމު ކޮށްފައެއް ނުވެއެވެ.