ރ. އަލިފުށީ ފަޅު ހިއްކައިގެން އަޅާ ރިސޯޓު ހަދާނެ ބަޔަކު ހޯދަން އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ އަލިފުށީ ފަޅު ހިއްކައިގެން އަޅާ ރިސޯޓު ހަދާނެ ބަޔަކު ހޯދަން އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ.
މިނިސްޓަރު މައުސޫމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލިފުށި ފަޅު ހިއްކައިގެން އެޅުމަށް ހަމަޖެހިފައިވާ ޓޫރިސްޓު ރިޒޯޓުގެ މަސައްކަތް ފެއްޓޭނެ ތާރީހު ހޯދުމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމާ ލިޔުމުން ޖަވާބު ހޯއްދަވަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ އަލިފުށީ ފަޅުގައި ހިއްކާ 10 ހެކްޓަރުގެ ބިމާއި އަލިފުއްޓާއި އެއް ފަޅެއްގައި އޮންނަ އެ އަތޮޅު އެއްތިގިލީގައި ތަރައްގީކުރުމަށް ނިންމާފައިވާ ޓޫރިސްޓު ރިސޯޓުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ހުޅުވާލެވޭ ބީލަމުގައި އިއުލާނު ކުރެވިގެންދާނެ ކަމަށެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވާއިރު އަލިފުށީގައި އެއާޕޯޓެއް އަޅަން މިމަހުގެ 1 ވަނަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.