މަޖީދީ މަގަށް އިންވެގެން ހުންނަ ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތަށް ކޮށްފައި ވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ އަހުމަދު ޒިޔާދު / ހަލަވެލި، ބ. އޭދަފުށި މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ އަށް ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 2:00 އަށް ކަމަށެވެ.

ޒިޔާދުގެ މައްޗަށް އުފުލާފައި ވަނީ ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކޮށްފައިވާ ކަމުގެ ދައުވާއެވެ.

އެ ދައުވާ އުފުލާފައި ވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ޕްރޮޕޯސަލެއް ހުށަހެޅުމުން ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމު ކޮށްފައި ވާތީ އާއި، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައި ވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ މައްސަލައާ ގުޅިގެނެވެ.

ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޒިޔާދުގެ އިތުރުން އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދު ގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގްފު އިމާރާތެއްގެ ގޮތުގައި އެ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ، 2018 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ، 2019 އަހަރުގެ ރޯދަ މަސް އަންނަން ވާއިރަށް، ޒިކުރާ މިސްކިތުގެ އާ އިމާރާތް ނިމި ވަގުތީ ގޮތުން ނަމާދު ކުރެވޭ ވަރު ވާނެ ކަމަށެވެ.