ޗައިނާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އޭނާގެ މަގާމު ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ މަހު 22 ގައެވެ.

ސަފީރު ކަމަށް، ވާން ލިޖިން ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި ޖަންގް ލިޖޮންގްގެ ދައުރު ހަމަވުމުންނެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި މަސައްކަތަށް ރައީސް ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވަނީ ޗައިނާގެ އާ ސަފީރަށް މަރުހަބާ ދަންނަވާފައެވެ. އަދި ކުރިއެކޭ އެއްފަދައިން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 50 އަހަރު ފުރޭކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް މިދިޔަ ޖުލައި މަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތައް ވެސް އާ ސަފީރާ ހިއްސާ ކުރައްވާފައެވެ.

އެކި ދާއިރާތަކުން ޗައިނާގެ އެހީ ރާއްޖެ އަށް ލިބޭ ކަމަށާއި ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ޗައިނާގެ ސަރުކާރުގެ ފަރާތުން 700،000 ޑޯޒްގެ ސިނަފޯމް ވެކްސިން ރާއްޖެ އަށް ހަދިޔާކޮށްފައި ވާތީ އެކަމަށް ވެސް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރު އުސްމިން ތަކަކަށް ވާސިލް ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ސަފީރު ވާން ލިޖިން ވަނީ ދެއްވާފައެވެ.