ހިޔާ ފްލެޓްތައް ހަދަން ގެންދިޔަ ސާމާނު ވަގަށް ނަގި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ވަގަށް ނެގި އެއްޗެހީގެ ވެރިފަރާތް، އިބްރާހިމް މުހައްމަދު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި 130 ގަނޑު ތަށިމުއްޓާ، 30 ކޮތަޅު ސިމެންތީގެ އިތުރުން ދެ ފާހާނާގައި ހަރުކުރަން ގެންދިޔަ ހަތަރު ދޮރުފަތް ހިމެނޭ ކަމަށެވެ.
ވައްކަން ކޮށްފައިވަނީ އިއްޔެ ހެނދުނު 9:25 ހާއިރު ލިފްޓު ބިޒީ ކަމުން އެ ތަކެތި ތިރީގައި ބެހެއްޓުމަށްފަހު ސައިބޯން ދިޔަ ވަގުތު ކަމަށެވެ.
ސައި ބޮއެގެން އެއް ގަޑިއިރާ 30 މިނެޓް ފަހުން އައިއިރު އެތަކެތި އެތަނުގައި ނެތް ކަމަށް އިބްރާހިމް ބުންޏެވެ.
އެތަކެތީގެ އަގު 33،800 ރުފިޔާއަށް އަރާ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ އޭނާ 3-4 މަހު މުސާރަ އެއްކޮށްގެން ގަނެފައިވާ ސާމާނު ކަމަށް ވެސް އިބްރާހިމް ބުންޏެވެ.
އިބްރާހީމް ބުނީ ސައިބޮއެގެން އައި ވަގުތު އެތަކެތި އެތަނުގައި ނެތުމުން އެތަކެތި ހޯދަން ވަރަށް މަސައްކަތް ކުރިކަމަށެވެ. އެގޮތުން އެކި ތަންތަން ހޯދި ކަމަށާ އަދި ވަރަށް ގިނަ މީހުން ކައިރި އެތަކެތި ފެނުންތޯ ވެސް އަހާފައިވާ ކަމަށެވެ.
އިބްރާހިމް ބުނީ އެތަކެތި ފެނޭތޯ ރޭގެ ވަގުތެއްގައި ވެސް އަދި މިއަދު ހެނދުނު ވެސް ފްލެޓްތައް ކައިރިއަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެތަކެތި ފެނިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ އިއްޔެ ހުށަހަޅާފައިވާ ކަމަށާ އަދި އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.