ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ހިންގާ ވެކްސިން ކެމްޕޭންގައި މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ކުރީގައި އޮތް އިޒްރޭލުން، 4 ވަނަ ޑޯޒްއެއް ޖަހަން ޖެހޭ ކަމަށް ބުނެފިއެވެ.

ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް ހިންގާ ކެމްޕޭންގެ ތެރެއިން އިޒްރޭލުން މިހާރުވެސް ދަނީ، އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް 3 ވަނަ ޑޯޒް ހުށަހަޅަމުންނެވެ. ކަން މިހެން އޮތް އިރު، ކޮވިޑްގެ ކަންކަމުގައި އިޒްރޭލުގައި އެންމެ ގަދައަށް ނަގާކިއާ އުޅޭ ސަލްމާން ޒަރުކާ ވަނީ، 4 ވަނަ ޑޯޒްއެއް ބޭނުންވާ ކަމަށް އިޝާރާތް ކޮށްފައެވެ.

އިޒްރޭލުން މިފަދަ ރޫހެއްގައި މަސައްކަތް ކުރަމުން ދާ މި ދަނޑިވަޅަކީ، އެންމެ ޑޯޒްއެއްގެ ވެކްސިންވެސް ނުލިބިގެން އުޅޭ ގައުމުތަކަށް، ވެކްސިންގެ ކަންކަން ހަމަޖެހެންދެން، ބޫސްޓާ ޑޯޒް މަޑުޖައްސާލުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލާފައި ވާ ދަނޑިވަޅެއްގައެވެ.

އާ ވޭރިއަންޓްތައް ފެންނަމުން ދިއުމާއި އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓް، ހަލުވި ކަމާއެކު ފެތުރެމުން ދާ ދިއުމަށް ބަލާ، ދުވަސްކޮޅެއް ފަހުން، 4 ވަނަ ޑޯޒްއެއްވެސް ޖަހަން ޖެހޭނެ ކަމަށް ޒަރްކާ ވަނީ ވަކާލާތު ކޮށްފައެވެ. ވައިރަސް އޮތީ ދާ ގޮތަކަށް ނޫން ކަމަށާ، 4 ވަނަ ޑޯޒްއަކަށް ނަފުސު ތައްޔާރު ކުރަން ޖެހޭ ކަމަށް ޒަރްކާ ވަނީ ބުނެފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޒަރްކާ ވަނީ، ކޮންމެ 5 ނުވަތަ 6 މަހަކުން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒްއެއް ބޭނުންވެދާނެ ކަމަށް ބުނެފައެވެ.

އިޒްރޭލަކީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒްގެ ވާހަކަ ދައްކާ ހަމައެކަނި ފަރާތެއް ނޫނެވެ. ވިލާތުގެ ތަރައްގީ ވެފައިވާ ގައުމުތަކުގެ އިތުރުން ސްރީލަންކާއިން ވެސް ދަނީ ބޫސްޓާ ޑޯޒް ޖެހުމުގެ ރޭވުންތައް ރާވަމުންނެވެ.