ލ. ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލް މަޝްރޫއާ ގުޅިގެން އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ)ގެ މަންދޫބުން ހާލަތު ބަލަން ރާއްޖެ އަތުވެއްޖެއެވެ.
މި ޓީމުގައި ދެ އޮންކޮލޮޖިސްޓުންވެސް (ކެންސަރަށް ހާއްސަ ޑޮކްޓަރުން) ހިމެނެއެވެ. އެ ޓީމުން ވަނީ ގަމުގެ ޕްރިލިމިނަރީ ސާވޭއެއް ހަދާ، ރަށުން ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ބަލާފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ ތެރެއިންނެވެ. އެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހިންގާ އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކާ އެއްގޮތަށް، 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި އެ ޕްރޮޖެކްޓުގެ ފައިސާ ސަރުކާރުން ދައްކަން ޖެހެއެވެ. އަދި އެ ލޯނު ދައްކަން ފަށަން 5 އަހަރު ދުވަހުގެ މުއްދަތެއް (ގްރޭސް ޕީރިއަޑް) ވަނީ ދީފައެވެ.
އެ މަޝްރޫގެ ދަށުން ލ. ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އަޅާނެ ކަމަށް އިންޑިއާއިން ބުނެއެވެ. އަދި ކެންސަރު ބަލީގެ ތަހުލީލުތައް ކޮށް، ބަލި ދެނެގަނެ، ފަރުވާ ދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް ފޯރުކޮށްދޭނެ ކަމަށް ބުނެއެވެ.
އެ ހޮސްޕިޓަލް ހުޅުވުމުން ގަމަށް މެޑިކަލް ޓޫރިޒަމް ވެސް ތައާރަފު ވެގެން ދާނެއެވެ. އަދި ރާއްޖޭގައި ތިބި ކެންސަރު ޖެހިފައިވާ މީހުންގެ ރަޖިސްޓަރީއެއް އެކުލަވާލާނެއެވެ.
އެ މަޝްރޫގެ ދަށުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމާ ބެހޭ ތަމްރީނު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެއެވެ. އެގޮތުން ނަރުހުންނާއި، ޑޮކްޓަރުންނާއި ޓެކްނީޝަނުންނާއި އެހެން މުވައްޒަފުން ހިމެނޭ ގޮތަށް ސިއްހީ ދާއިރާގެ 250 މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށްވެސް ބުނެއެވެ.
ޓީއެމްސީ އަކީ އިންޑިއާގައި ގައުމީ ފެންވަރުގައި ކެންސަރު ބަލި ހުއްޓުވަން މަސައްކަތްކޮށް، ފަރުވާދީ، ތަމްރީނު ޕްރޮގްރާމް ހިންގާ އަދި ކެންސަރު ރިސާޗް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ.
އަހަރަކު 30,000 ބަލިމީހުން ޓީއެމްސީން ފަރުވާ ހޯދައެވެ. އަދި އަހަރަކު 8،500 ބޮޑެތި އޮޕަރޭޝަންކޮށް، 5،000 ބަލިމީހުންނަށް ރޭޑިއޭޝަން އަދި ކީމޯތެރަޕީ ދެއެވެ.
ރާއްޖޭގައި ކެންސަރު ބަލި ގިނަވެ، މިހާރު އަހަރަކު 400 އަށް ވުރެ ގިނަ މީހުންގެ ގައިން ކެންސަރު ބަލި އަލަށް ދެނެގަނެވެއެވެ. ރާއްޖެއިން މީހުން މަރުވާ ސަބަބުތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ކެންސަރު ބަލީގެ ސަބަބުންނެވެ.
އެ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ރައީސް އިބްރާހިމް ސޯލިހް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ އެ ދެ ބޭފުޅުން 2019 ވަނަ އަހަރު ކުރެއްވި ވީޑިއޯ ކޯލެއްގައެވެ.