ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޖިނާއީ ތަހުގީގު އިތުބާރު ހިފޭނޭ ގޮތަށް އަދި ހަލުވިކަމާއެކު ކުުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެމްޑީޕީ އިން ގޮވާލައިފިއެވެ.

ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ މައްސަލައަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަބަދުވެސް ދެކޭ ކަމަށެވެ.

"ޝަރީއަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން ހިންގާ ދަށު ދަރަޖައިގެ އެ އަމަލުތަކަކީ މި ޕާޓީން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަބަދުމެ ދެކޭނެ މައްސަލަތަކެކެވެ. އަދި އެފަދަ އަމަލުތަކަކީ މި ޕާޓީން ޓޮލަރޭޓް ކުރާނޭ އަމަލުތަކެއް ނޫން"
އެމްޑީޕީ

އެމްޑީޕީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމަނިކުފާނުގެ ސަރުކާރުން އެއްވެސް ޝަރީއަތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެކަމުގެ ޔަގީންކަން އެ ޕާޓީން ދޭ ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ވަނީ އިއްޔެ، ކުރީގެ ފަނޑިޔާރުންނާއި ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސް ޔާމީން ގެ ޝަރީއަތާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލުވާލުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް ތުހުމަތު ކޮށްފައެވެ. އަދި އިއްޔެގެ ބައްދަލުވުމުގައި ޝަރީއަތާ ގުޅުވައިގެން ފަނޑިޔާރުން ދެއްކެވި ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އަދާލަތު ޕާޓީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ފަނޑިޔާރުންގެ އަބުރަށް އަރައިގަންނަނީ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ކަމަށް އެ ޕާޓީން ވެސް ވަނީ ތުހުމަތު ކޮށްފައެވެ.