ޝަރުއީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަނީ ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވަން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ނުފޫޒެ އްނެތި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ، ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާގެ އަގުވާއްޓާލާ، އަދުލު އިންސާފަށް ހުރަސް އެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް އަދާލަތު ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
އަދި ސިޔާސީ ވާދަވެރިކަމުގައި ހިންގާ އެފަދަ އަމަލުތަކަކީ އިންސާފުވެރި މުޖުތަމައެއް ބިނާކޮށް ހެޔޮވެރިކަމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދާދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި، އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށް ދެކޭ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުން ޝަރުއީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫން ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.
ހަމައެއާއެކު އަދުލުއިންސާފަށް ހުރަސްއަޅާ، އަމިއްލަ ޒާތީ މަންފާއަށްޓަކާ، ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ގަދަރު ކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް އަދާލަތު ޕާޓީން ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.
އަދާލަތު ޕާޓީން އެ ބަޔާން ނެރެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދި ކޯޓުތަކަށް، އަދާލަތު ޕާޓީއަށް ނިސްބަތްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.