ރޭ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ "އައްޑަނަ" ޖަލްސާގައި އިންޑިއާއާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދެއްކެވި ވާހަކައަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ރައްދު ދެއްވައިފިއެވެ.

ރޭގެ ޖަލްސާގައި އަދުރޭ ވަނީ ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު ގެންދިއުމަށް އިންޑިއާއަށް ގޮވާލައްވާފައެވެ.

އޭގެ އިތުރުން އަދުރޭ ވަނީ ތިލަފުށި ބްރިޖްގެ މަސައްކަތަށް އަންނަ އިންޑިއާ މީހުންނަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ މީހުން އައިސް ދިވެހިން ގެދޮރުން ނެރޭނެ ކަމަށާއި ދިވެހި އަންހެން ކުދިންގެ އިއްފަތް ފޭރޭނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑަމީސް ބަސްތަކުން ވާހަކަ ދެއްކުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ.

އެގޮތުން އިންޑިއާއަކީ ޒަމާނުންސުރެ ރާއްޖެއަށް އެންމެ އެހީތެރިވާ ގައުމު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ ކަނޑުގައި ސުލްހަ ބެލެހެއްޓުމުގައި އެންމެ އިސްދައުރެއް ކުޅޭ ގައުމަކީ އިންޑިއާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާ އެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވާފައެވެ. އިންޑިއާގެ ސިފައިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދެއްގައި ތިބި އިރު އަސްކަރީ ގޮތުން އިންޑިއާގެ އެހީ މި ސަރުކާރުން ދަނީ ފުޅާދާއިރާއެއްގައި ބޭނުން ކުރަމުންނެވެ.