އެއާޕޯޓު އަޅައިދީ، ބްރިޖް އަޅައިދީގެން ދެ ވަނަ ފަހަރަށް ވެރިކަމަށް އާދެވުނު އެކަކުވެސް ނެތް ކަމަށް ވިދާޅުވެ ރޭ އިދިކޮޅު ޕީޕީއެމް އިން ދެއްކި ވާހަކައަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް (ރީކޯ މޫސަ) ފާޑު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ މެދުގައި ވެރިކަމަށް ކުރާ ކެމްޕޭންތަކަށް ވީ ވައުދު ތަކުގެ ތެރޭން ބިން ހިއްކުން، އެއާޕޯޓް އަޅައިދިނުން، ފްލެޓް އަޅައިދިނުން، އަދި ބްރިޖް އަޅާދިނުން ފަދަ ކަންކަމުގައި ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގެންނެވުނު ރައީސަކު ނެތް ކަމަށެވެ.

އެހެންކަމުން ވައުދުވުމުގައި ގެންގުޅޭ އުކުޅު ބަދަލުކުރަން ޖެހޭ ކަމަށް ރީކޯ މޫސާ ވަނީ ވިދާޅުވެފައެވެ.

ރީކޯ މޫސާ އެހެން ވިދާޅުވީ 2023 ގެ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ގެ ނަން އޮންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭ ވިދާޅުވެ ބްރިޖާއި، އެއާޕޯޓައި، ހޮސްޕިޓަލްތައް ހަދާނީ 2023 ގައި ރައީސް ޔާމީނުގެ ވެރިކަމެއްގައި ކަމަށް ވިދާޅުވުމުންނެވެ.

ރީކޯ އެހެން ވިދާޅުވެ އިޝާރާތް ކުރެއްވި އަނެއް ކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދެވަނަ ދައުރުގެ ކެމްޕޭނާ ދިމާކޮށް ސިނަމާލެ ބްރިޖު އެޅި ނަމަވެސް ދެވަނަ ދައުރަކަށް ޔާމީން ހޮވިފައި ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ވެރިކަމުގައި މިހާރު ވަނީ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ސޯލިހުގެ 2023 ގެ ކެޕްމޭނަށް ކުރައްވާ ކަމެއް ކަމުގައި ގިނަ ބަޔަކު ބުނެއެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ބްރިޖްގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.

މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލް ތަކުގައި ވާ ގޮތުގައި ބުރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ.