މާލޭގެ ރައްޔިތުންނަށް ގުޅީފަޅުން ގޯތިދޭން ހުއްޓުމެއްނެތި މަސައްކަތް ކުރައްވާނެ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ އިމާދުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި މާލޭ ސިޓީގެ ގެދޮރުވެރިކަމާ ބެހޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބޭއްވި ބައްދަލުވުމުގައެވެ.

މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގުޅީފަޅުން ގޯތިދޭން ހުއްޓުމެއްނެތި މަސައްކަތް ކުރައްވާނެ ކަމަށާއި މިކަމުގައި ސަރުކާރުގެ އެއްބާރުން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ބައިވެރިވި އާންމުން

މި ބައްދަލުވުމުގައި ގޯތިގެދޮރާ ބެހޭގޮތުން ވަކާލާތުކުރުމަށް އުފައްފައިވާ ޖަމިއްޔާތަކާއި އާންމުން ބައިވެރިވެ ހިޔާލު ފާޅުކޮށްފައި ވެއެވެ. އަދި ރައްޔިތުން ވަނީ ދިމާވެފައިވާ ހިތްދަތިގޮތްތައް ހިއްސާކޮށް ގޯތިގެދޮރުގެ ހައްގު މާލޭ ރައްޔިތުންނަށް ލިބެން ޖެހޭކަމަށް ބުނެފައެވެ.

މާލެ ސިޓީގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ގޯތި ގެދޮރުގެ ބައްދަލުވުމަކީ އެންމެ ފަހު ބައްދަލުވުމެވެ.

ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ ބައްދަލުވުންތައް ފެށުނީ މި ދިޔަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ. ފުރަތަމަ އޮތީ ގަލޮޅުގެ ބައްދަލުވުމެވެ. އޭގެ ފަހުން ވިލިމާލެ، މައްޗަންގޮޅި، މާފަންނު، ހެންވޭރު އަދި ހުޅުމާލޭގެ ބައްދަލުވުންވެސް ވަނީ ބާއްވާފައެވެ. މި ބައްދަލުވުންތަކަކީ މާލޭ ސިޓީގައި ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް މިހާތަނަށް ބޭއްވުނު ފުރަތަމަ ބައްދަލުވުންތަކެވެ. މީގެ ކުރިން ކައުންސިލުން މިފަދަ ބައްދަލުވުންތަކެއް ބާއްވާފައިނުވެއެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުން ބައިވެރިވިއެވެ.