އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާ ފަރާތްތައް ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވޭތޯ އެކުންފުނިން ބަލަން ފަށައިފިއެވެ.

އެމްޓީސީސީއިން ރޭ އާންމު ކުރި ބަޔާނުގައި އެ ކުންފުނިން ވަނީ އެ ކުންފުނީގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނާއި ހިދުމަތްދޭ އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެމްޓީސީސީއިން ބުނީ ދަތުރުފަތުރުގެ ހިދުމަތް ހޯދާ ފަރާތްތައް ވެކްސިން ފުރިހަމަ ކުރިތޯ ކަށަވަރުކުރުމަށް، ބައެއް ދަތުރުވެރިންގެ ވެކްސިން ކާޑު ބަލާނެ ކަމަށެވެ. އެހެން ކަަމުން، ވެކްސިން ކާޑުގެ އަސްލު ނުވަތަ އޭގެ ޑިޖިޓަލް ކޮޕީއެއް ފޯނުން ނަމަވެސް ފެންނާނެ ގޮތަކަށް ބޭއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

ދަތުރުފަތުރުގެ ހިދުމަތް ހޯދާއިރު ކޮވިޑް-19 އިން ރައްކާތެރި ވުމަށް އެޗްޕީއޭއިން އަންގައިފައިވާ އިރުޝާދުތަކަށް ސަމާލުވާން އެމްޓީސީސީއިން ވަނީ އެދިފައެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އާންމު ބައެއް ހިދުމަތްތައް ލިބުމުގައި ދަތިވާނެއެވެ.

މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.