ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގައި އުފައްދާފައި ވާ ވެކްސިން އެކްސްޕޯޓް ކުރުމުގެ މަސައްކަތް އަލުން ފަށާނީ، އިންޑިއާގެ މަސްލަހަތުތައް ހަމަޖެހުމުން ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލަކު މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، އިންޑިއާގައި ކޮވިޑް ވެކްސިން ޖެހުމަށް ހިންގާ ކެމްޕޭން ފުޅާކޮށް، ރެކޯޑް އަދަދުތަކުން ވެކްސިން ޖަހާފައިވުމާއެކު، އެ ގައުމުން ވެކްސިން އެކްސްޕޯޓް ކުރަން ފަށާފާނެ ކަމުގެ އުއްމީދު، ބައިނަލްއަގުވާމީ މުޖުތަމައުގައި އާ ވެފައި ވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ އޮފިޝަލު ރަޖޭޝް ބުޝާން ވިދާޅުވީ ކޮންމެ ގައުމަކުންވެސް މަސައްކަތް ކުރަނީ އެ ގައުމެއްގެ މީހުންނާއި، އިގުތިސޯދު އަދި އިޖުތިމާއީ ނިޒާމު ސަލާމަތުން ބޭއްވުމަށް ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި، އާންމު ސިއްހަތު އިޖާބައިގެ ނިޒާމްވެސް ބަރޯސާވަނީ މި އަމާޒުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އިންޑިއާއިންވެސް އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އެ އަމާޒުތަކަށް ވާސިލު ވުމަށް ކަމަށާ، ވެކްސިން އެކްސްޕޯޓް ކުރަން ފަށާނެ އެންމެ ރަނގަޅު ވަގުތެއް ކަނޑައަޅާނީ އެއަށް ފަހުގައި ކަމަށް ބުޝާން ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހަކީ އިންޑިއާއިން ރެކޯޑް އަދަދަކަށް ކޮވިޑް ކޭސް ރިޕޯޓް ކުރި ދުވަހެކެވެ. އިއްޔެ އެކަނިވެސް 47092 ކޭސް ރިޕޯޓް ކޮށްފައި ވާއިރު، މިއީ ފާއިތުވީ 2 މަސްދުވަހުގެ ތެރޭގައި އެ ގައުމުން 1 ދުވަހާ އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓް ކުރި ދުވަހެވެ. މީގެ 70 ޕަސެންޓް ހިއްސާ ކޮށްފައި ވަނީ ކެރަލާ ސްޓޭޓުންނެވެ. ކެރަލާގައި ކޭސްތައް އިތުރު ވާން ފަށާފަނީ ދީނީ ހަރަކާތަކާ ގުޅިގެންނެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ކެމްޕޭން ކުރިއަށް ގޮސްފައި ވާ ގޮތަށް ބަލާއިރު، މިހާތަނަށް 662 މިލިއަން ޑޯޒްގެ ވެކްސިން ވަނީ ޖަހާފައެވެ. އަދި ބޮޑެތި މީހުންގެ އާބާދީގެ 54 ޕަސެންޓް މީހުން ވަނީ އެންމެ މަދުވެގެން 1 ޑޯޒްގެ ވެކްސިން ޖަހާފައެވެ. ކޮންމެހެން ހަމަކުރަން ޖެހޭ 2 ޑޯޒް ހަމަކޮށްފައި ވަނީ 16 ޕަސެންޓް މީހުންނެވެ.