އޮފިސަރެއް ޕޮޒިޓިވްވެ، މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފިއެވެ.

ކޮމިޝަނާ އޮފް ޕްރިސަން އަހްމަދު މުހައްމަދު ވިދާޅުވީ، މާފުށީ ޖަލުގެ އޮފިސަރެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓު ކޮށްފައިވާ ކަމަށާއި އަދި މިއަދު އޭނާގެ ނަތީޖާ ލިބުނު އިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

އޮފިސަރެއް ޕޮޒިޓިވް ވުމުން މި ވަގުތު ޖަލުގެ ސަލާމަތާއި ރައްކަލައްޓަކައި މިރޭ 12 އިން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތައް ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަގުތީ ގޮތުން ގައިދީންގެ ހުރިހާ މޫވްމަންޓްތައް މެދުކަނޑާލުމަށް ވެސް ނިންމާފައި ވާ ކަމަށް އަހްމަދު ވިދާޅުވިއެވެ.

ޖަލުގެ އޮފިސަރެއް ޕޮޒިޓިވް ވެފައިވާ އިރު އޭނާ ކޮންޓެކްޓި ވި މީހުންގެ އަދަދު އަދި ކަރެކްޝަންސް އިން ހާމަ ކޮށްފައެއް ނުވެއެވެ. ޖަލުގައި ތިބޭ އޮފިސަރުން ކޮންޓެކްޓް ވާ މީހުންގެ ތޜޭގައި ޖަލުގައި ތިބޭ ގައިދީންނާއި އެތަނުގެ އެހެން މުއައްޒަފުން ހވެސް ހިމެނޭނެއެވެ.

މި ވަގުތު ރާއްޖޭގައި އަނެއްކާ ވެސް އަންނަނީ ކޮވިޑް ކޭސްތައް އިތުރުވަމުންނެވެ. މިއަދު ޖުމްލަ 173 މީހަކު ޕޮޒިޓިވް ވެފައި ވާ އިރު މާލެ ސަރަހައްދުން ވަނީ 68 މީހަކު ޕޮޒިޓިވް ވެފައެވެ. މިއީ އިއްޔެ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންގެ އަދަދާ އަޅާ ބަލާ އިރު 49 ޕަސެންޓް ގެ އިތުރު ވުމެކެވެ. އިއްޔެ މާލެ ސަރަހައްދު ޕޮޒިޓިވް ވެފައި ވަނީ 35 މީހުންނެވެ.