މިއަދު އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީ ހިންގި މީހާއަކީ ފަރުވާ ބޭނުންވާ މީހެއް ކަމަށް އެ ހާދިސާގައި ބޮޑު އަނިޔާއެއް ލިބުނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އޭނާއަށް އަނިޔާ ކުރި މީހާ ގެންގޮސް ގޮޅިއަކަށް ލާ އެތައް ދުވަހެއް ވަން ދެން ބޭއްވުމަށް ފަހު ޖަލު ގޮަޅިއަކަށް ހުކުމް ކުރަން ނޭދޭ ކަމަށެވެ. އެމީހާއަކީ ގޯސް މީހެއް ނޫން ކަމަށާއި އެއީ ފަރުވާ ބޭނުންވާ މީހެއް ކަމަށް މަންދީ ވިދާޅުވެއެވެ.

"މިއަދު އަޅުގަނޑަށް އަނިޔާގެ ސަބަބުން މިއަޅާ ވޭނަށް ވުރެ ޖަޒީލް ގައިގަ މިރޭ އަޅާނެ ވޭން ބޮޑުވާނެ ކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑު ވަރަށް އެދެން މިރޭ އޭނަ އެކަނި ގޮޅިއަކަށް ލާ ދޫކޮށް ނުލުން. އޭނައަކީ ގޯސް ކުއްޖެއް ނޫން ފަރުވާ ބޭނުންވާ ކުއްޖެއް."
މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު

މިއަދު ލިބުނު އަނިޔާގެ ސަބަބުން މަންދީގެ ގައިގާ އަޅާ ވޭނަށް ވުރެ ބޮޑު ވޭނެއް މިރޭ އެމީހާ ތަހަންމަލް ކުރާނެ ކަމަށް މަންދީ ވިދާޅުވިއެވެ. އަދި މި މުޖުތަމައުގައި ފަރުވާ ބޭނުންވާ މިފަދަ މީހަކު ނެތް އާއިލާއެއް މަދުވާނެ ކަމަށް ވެސް މަންދީ ވިދާޅުވިއެވެ. އަދި އެފަދަ މީހުން އުޅޭ އާއިލާތަކާއި އެ ފަދަ މީހުންގެ މައިންބަފައިން ތަހައްމަލު ކުރާ ދަތި އުނދަގޫ ފެނިވަޑައިގަންނަވާ ކަަމަށް މަންދީ ވިދާޅުވިއެވެ.

މަންދީ މިހެން ވިދާޅުވި އިރު އެމްޑީޕީން ވަނީ އެ އޮފީސްތެރޭ ހިންގި މާރާމާރި އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސަށް ގޮވާލާފައެވެ. އަދި އެޕާޓީން ވަނީ އެ އަމަލު ހަރުއަޑުން ކުށަވެރިކޮށް އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެފައެވެ.

މަންދީ އަށް އަނިޔާ ލިބުނު މާރާމާރި ހިނގާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އެމްޑީޕީ އޮފީހުގައި ހުރި ފިރިހެން މުވައްޒަފަކަށް ވެސް ވަނީ އަނިޔާވެފައެވެ.

މި ހާދިސާގައި މަންދީގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަދި އޭނާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.