ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީކޮށް، ޖަޕާނަށް ފޮނުވާފައިވާ ވެކްސިން ޝިޕްމަންޓްގެ ބައެއް ބެޗްތައް ތަޣައްޔަރު ވެފައި ވަނީ ސްޓެއިންލަސް ސްޓީލް ނުވަތަ އެކަތައިގެ އެތިކޮޅުތަކަކުން ކަމަށް، އެ ވެކްސިން އުފެއްދި މޮޑާނާ ކުންފުނިން ބުނެފިއެވެ.

ޖަޕާނުގައި ހުރި މޮޑާނާ ކޮވިޑް ވެކްސިންގެ ބައެއް ބެޗްތައް، އެކަތައިން ތަޣައްޔަރު ވެފައި ވީ ނަމަވެސް، އެއީ ޕޭޝަންޓް ނުވަތަ ވެކްސިން ލިބިގަންނަ މީހާގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލު ކުރެވިފައި ނުވާ ކަމަށްވެސް މޮޑާނާއިން ވަނީ ބުނެފައެވެ.

މޮޑާނާ ކުންފުނިން ބުނީ، އެ ކުންފުނީގެ ޖަޕާނުގެ ބައިވެރިޔާ، ޓަކޭޑާ ފާމަސޫޓިކަލްއާ ގުޅިގެން، 3 ބެޗެއްގެ ކޮވިޑް ވެކްސިން ޝިޕްމަންޓް އަނބުރާ ނެގުމަށް، ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަން ކުރަން ނިންމީ، ވެކްސިންގެ ބައެއް ވައެލްތަކުން އެކަތަ މައުދަނުގެ އެތިކޮޅުތަކެއް ފެނިގެންނެވެ.

ވެކްސިން ތަޣައްޔަރު ވެފައި ވާ ކަމުގެ މައުލޫމާތު ލިބުމާއެކު، ޖަޕާނުން ވަނީ މޮޑާނާ ކޮވިޑް ވެކްސިންގެ 3 ބެޗެއް ބޭނުން ކުރުން މެދުކަނޑާލާފައެވެ. އެއީ ގާތްގަނޑަކަށް 1.63 މިލިއަން ޑޯޒް ކަމަށް ހަބަރު ލިބެއެވެ.

ވެކްސިން ތަރައްގީ ކުރުމުގެ މަރުހަލާ ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ދަ ޕްރިންޓް

މޮޑާނާއިން ބުނީ، ވެކްސިން ވައެލްތައް، އެކަތައިގެ މައުދަނުން ތަޣައްޔަރު ވެފައި ވަނީ، ވެކްސިން އުފެއްދުމުގެ މަރުހަލާގެ ތެރޭގައި ކަމަށް، ބެލެވޭ ކަމަށެވެ. ޖަޕާނުގައި މޮޑާނާ ވެކްސިން ފޯރުކޮށްދެމުން ދަނީ ޓެކޭޑާ ކުންފުނިންނެވެ. މޮޑާނާ އަދި ޓަކޭޑާ ކުންފުނި ގުޅިގެން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ތަޣައްޔަރުވުން އެންމެ ގާތް ގޮތީ، މެޝިންގެ 2 ދަގަނޑު ކޮޅެއް ގޭނިގެންނެވެ.

ވައެލްތަކުގައި އެކަތަ އެކުލެވޭކަން ދެނެގަނެފައި ވަނީ މޮޑާނާއާ ޓަކޭޑާގެ އިތުރުން، ވެކްސިން އުފެއްދި ކާރުހާނާ އޮޕަރޭޓް ކުރާ، ސްޕެއިންގެ ރޯވީ ކުންފުނިވެސް ގުޅިގެންނެވެ.

ޓަކޭޑާއާއި މޮޑާނާގެ ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ، ސްޓެއިންލަސް ސްޓީލްއަކީ ހިތުގެ ވެލްވާއި ހުޅު ބަދަލު ކުރުމުގެ ކަންކަމުގައި ގަވައިދުން ބޭނުން ކުރަމުން އަންނަ އެއްޗެއް ކަމަށެވެ. އެހެން ކަމުން، މި މާއްދާގެ އެތިކޮޅުތަކެއް، މި ގޮތަށް އިންޖެކްޓް ކުރެވިގެން، ފުރާނައަށް ނުރައްކާވަފަދަ ސިއްހީ ނުރައްކަލެއް އޮތް ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.

ވެކްސިން ވައެލް ތަޣައްޔަރު ވުމަށް މެދުވެރިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ދޭންވީ ވަރަށް ސަމާލުކަން ނުދީ ނުވަތަ ނުބައި ގޮތަށް ސިރިންޖުގެ ކަށި ހެރިގެން، ވައެލްގެ މަތިގަނޑުން އެތިކޮޅުތަކެއް އެ ވައެލްގެ ތެރެއަށް ދަތުރު ކުރާ ކުރުންވެސް ހިމެނެއެވެ.

ޖަޕާނުގައި ކޮވިޑް ވެކްސިން ތަޣައްޔަރު ވެފައި ވާކަމުގެ ވާހަކައިގެ އަޑު ގަދަވީ، ވެކްސިން ޖެހި 2 މީހެއްގެ މަރުގެ ހަބަރާއެކުގައެވެ. މި ހާދިސާތައް އަދިވެސް ތަހުގީގު ކުރަމުން ދާއިރު، މޮޑާނާއާއި ޓަކޭޑާއިން ވަނީ، އެއީ ވެކްސިނާ ގުޅުން ހުރި ކޭސްތަކެއް ކަމަށް ބާރު ދޭ ހެކި ނެތް ކަމަށް ބުނެފައެވެ.