ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ހޯދާދިނުމަށް އެހީވެދޭ ކަމެއްގެ އިތުރުން، ދިގުލާދާ ކޮވިޑްގެ ތަކުލީފުތަކުގެ ނުރައްކާވެސް ކުޑަ ކޮށްދޭ ކަމެއް ކަމަށް، ކިންގްސް ކޮލެޖް ލަންޑަންއިން ބުނެފިއެވެ.
ކިންގްސް ކޮލެޖް ލަންޑަންއިން ކުރި ދިރާސާއިން ދައްކާ ގޮތުގައި، ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމަށް ފަހުގައިވެސް މަދު ބަޔަކަށް މި ބަލި ޖެހުނު ކަމުގައި ވީ ނަމަވެސް، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތައް 4 ހަފުތާއަށް ވުރެ އިތުރު މުއްދަތަކަށް ދިގުލާ ދިއުމުގެ ފުރުސަތު، 50 ޕަސެންޓް ކުޑަ ކޮށްދޭ ކަމަށެވެ. މިއީ ވެކްސިން ނުޖަހާ މީހުންނާ އަޅާ ބަލާއިރު ތަފާސް ހިސާބުތަކުގެ ވަޒަން ކުރުން ދައްކާ ގޮތެވެ.
ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮވިޑް-19އަށް ޕޮޒިޓިވްވެ، 4 ވަރަކަށް ހަފުތާގެ ތެރޭގައި ބަލީގެ ހުރިހާ އަލާމަތާތަކުން ސަލާމަތް ވީ ކަމުގައި ވީ ނަމަވެސް، ބައެއް މީހުންގެ ހަށިގަނޑުގައި އެތައް މަހަކަށް މި އަލާމާތްތައް ދިގުލާދެއެވެ. ބަލީގެ އަލާމާތްތައް ކުޑަކޮށް ފެންނަ މީހުންނަށްވެސް މިކަން ކުރިމަތިވެއެވެ.
މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ ކްލެއާ ސްޓީވްސް ވަނީ، ބަލީގެ ނުރައްކާ އިތުރު ވާ މީހުންނަށް، ބޫސްޓާ ޑޯޒް ނުވަތަ 3 ވަނަ ޑޯޒް ޖަހާދިނުމުގައި އިސްކަން ދޭންޖެހޭ ކަމަށެވެ.
ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒްއަކީ، ތަނަވަސް މީހުންނަށް އޮތް ނަސީބެއް ނޫން ކަމަށާ، އެއީ އެންމެ ނާޒުކު ފައްތަރުގައި ތިބި މީހުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭ އެއްޗެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ބުނެފައެވެ.