ފާއިތުވީ ދެދުވަހަކު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދައުރުވަމުން ދިޔަ އެއް ވީޑިއޯއަކީ، އަފްގާނިސްތާނުގެ ކަންދަހާރުގައި އުދުހެމުން ދިޔަ ހެލިކޮޕްޓަރެއްގައި ވަލެއް ޖަހާ، މީހަކު އެލިފައިވާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނަށް ދޫކޮށްލީ ބްލެކްހޯކް ހެލިކޮޕްޓަރުގައި، ކޮޅުކޮޅު މައްޗަށް ތޯލިބާން ހަނގުރާމަވެރިން ދުއްވަމުން ދިޔައިރު، އެ ވަލުގައި ޖަހާފައި އޮތި ކާކުތޯއާއި އެއީ ކީއް ކުރި މީހެއް ތޯ އެކި މީހުން ދިޔައީ ސޯޝަލް މީޑިއާގެ ހޮޅުހަށިތަކުގައި ބަހުސް ކުރަމުންނެވެ.

ގަތަރުގައި ވަޒަންވެރިވެ ހުރި އަފްގާނިސްތާނުގެ ނޫސްވެރިޔާ ބިލާލް ސަރްވަރީ ބުނެފައި ވާ ގޮތުގައި، އެ ހެލިކޮޕްޓަރު ދުއްވަމުން ދިޔައީ އަފްގާނިސްތާނުގެ ޕައިލެޓެކެވެ. އަދި އެ ޕައިލެޓަކީ އެމެރިކާގެ އިތުރުން އެކުވެރި އަރަބި އިމާރާތުން ތަމްރީނު ހޯދާފައި ވާ ޕައިލެޓެއް ކަމަށާ، އެ ހެލިކޮޕްޓަރު ދުއްވީ އޭނާ ކަން، ނޫސްވެރިއާއަށް ކަށަވަރު ކޮށްދީފައި ވާ ކަމަށްވެސް ބުނެފައިވެއެވެ.

ވަލުގައި އެލިފައި ވާތީ ފެންނަން އޮތީ ގިނަ ބަޔަކު ވަކާލަތު ކުރި ގޮތާ ހިލާފަށް ގަބުރެއް ނޫނެވެ. އެއީ ފުރާނަ ހުރި، ތޯލިބާން ހަނގުރާމަވެރިއެކެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ވައިގެ ތެރޭގައި ހެލިކޮޕްޓަރު އުދުހެމުން ދިޔައިރު، ތޯލިބާނުންގެ ދިދަ ވިހުރޭނެ ގޮތް ހެދުމަށެވެ. ނަމަވެސް އޭނާ މަސައްކަތް ކާމިޔާބު ވާ ގޮތް ނުވުމުން، ދިދައެއްގެ މަންޒަރު ނުފެނުނީއެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބި ސުންގަޑި ހަމަވުމާ ދިމާކޮށް ވައިރަލް ވެގެންދިޔަ މި ވީޑިއޯގައި ފެންނަނީ ތޯލިބާން ހަނގުރާމަވެރިން، އެމެރިކާގެ އަސްކަރީ އުޅަނދެއް ދުއްވާ މަންޒަރު ކަމަށް ބުނެ، އެމެރިކާ ސަރުކާރަށް ފާޑުކިއުންތައްވެސް އަމާޒުވިއެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، ތޯލިބާނުންގެ ތެރޭގައި، ތަމްރީނު ލިބިފައި ވާ ޕައިލެޓުންނެއް ނުތިބެއެވެ.