ވިއްސަކަށް އަހަރުވީ ހަނގުރާމައަކަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާން ދޫކޮށް، ފައިބައިގެން ގޮސްފައި ވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރި ބްލެކް ހޯކްސް ހެލިކޮޕްޓަރުތަކުގެ ތެރެއިން އަފްގާނިސްތާނަށް ދޫކޮށްލާފައި ވާ ހެލިކޮޕްޓަރެއްގައި މީހަކު އެލުވައިގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ބުނެވޭ ގޮތުގައި އެ ހެލިކޮޕްޓަރު ދުއްވަމުން ދަނީ ތޯލިބާނުންނެވެ. އަދި ހެލިކޮޕްޓަރުގައި އެލުވާފައި ވަނީ، އެ ޖަމާއަތުން މަރާލި މީހެއްގެ ހަށިގަނޑު ކަމަށް، ހުޅަނގުގެ މީޑިއާތަކުން ވަކާލާތު ކުރެއެވެ. ވީޑިއޯއިން ފެންނަނީ ކަންދަހާރު ސަރަހައްދުގައި ތޯލިބާނުން ޕެޓްރޯލް ކުރަމުން ދާ މަންޒަރު ކަމަށް މައުލޫމާތު ލިބެއެވެ.

ބިންމަތީގައި ހުރި މީހަކު ރެކޯޑް ކޮށްފައި ވާ އެ މަންޒަރުތަކުން، ހެލިކޮޕްޓަރުގައި އެލުވާފައިވާ މީހާގެ ސިފަ ވަކިވާ ވަރެއް ނުވެއެވެ. ކުރަމުން ދާ ބައެއް ބަހުސްތަކަށް ބަލާއިރު، އެލުވާފައި ވާ މީހަކީ، އެމެރިކާ ސިފައިން އަފްގާނިސްތާނުގައި އުޅުނު ދުވަސްވަރު، އެމެރިކާއަށް ތަރުޖަމާކޮށްދޭން އުޅުނު މީހެއް ކަމަށް ވެސް ބުނެވެއެވެ. އެލުވާފައި ވަނީ މަރާލާފައި ވާ މީހެއްގެ ހަށިގަނޑު ކަމެއް ނުވަތަ ދިރިހުރި މީހެއްކަންވެސް ކަށަވަރެއް ނުވެއެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވާ އިރު، އެމެރިކާގެ އަސްކަރީ ބަރު ހަތިޔާރުތައްވެސް ތޯލިބާނުންގެ އަތް މައްޗަށް އަރާފައި ވާތީ ގިނަ ބަޔަކު ދަނީ އިތުރު ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.

އެމެރިކާއިން ވަނީ އެތައް ބިލިއަން ޑޮލަރެއްގެ އަގު ހުރި އަސްކަރީ ހަތިޔާރުތައް އަފްގާނިސްތާނަށް ދޫކޮށްލާފައެވެ. މިހުރިހާ އެއްޗެއްގެ ބޭނުން ހިފަމުން ދަނީ ޓެރަރިސްޓް ތޯލިބާނުންނެވެ.