ހއ. ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރެއިން ހއ. ދައްޕަރު ވަކިކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އެ ރަށުގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިިފިއެވެ.
އެ ރަށު ރައްޔިތުން ސޮއިކުރާ މި ޕެޓިޝަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކުރަން ފަށާފައިވާ ޕެޓިޝަނެކެވެ. އެ ޕެޓިޝަންގައި ބުނެފައި ވަނީ ދައްޕަރު އެއީ ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ކަނޑައެޅުމަށް ފަހު ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނެތި ކުރީގެ ނިންމުމަށް ބަދަލު ގެނެސް އެ ރަށުގެ އިހުތިސާސުން ދައްޕަރު ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫ ރައްޔިތުންނަށް ނުހަނު ގިނަ ފައިދާތަކެއް ކުރި ތަނެއް ކަމަށް އެ ޕެޓިޝަން ގައި ވެއެވެ. އެގޮތުން ފިއްލަދޫ ރަށު އޮފީހުން އެތައް ގޮތަކުން އާމްދަނީ ހޯދަމުން އައިސްފައިވާ ފިއްލަދޫގެ ރައްޔިތުންނާ ގުޅިފައިވާ ތަނެއްގެ ގޮތުގައި އެ ޕެޓިޝަންގައި ސިފަކޮށްފައި ވެއެވެ. ބޭނުމަކީ ފިއްލަދޫ އިހުތިސާސުގެ ތެރޭގައި ދައްޕަރު އޮވެގެން އެތަން ތަރައްގީކޮށް ސީދާ ރައްޔިތުންނަށް މަންފާ ލިބިގެން ދިއުމަށް ކަމަށް ޕެޓިޝަންގައި ބުނެއެވެ. އެހެން ކަމުން އެ ނިންމުން މުރާޖައާ ކޮށް ދައްޕަރު އަލުން ފިއްލަދޫގެ އިހުތިސާސުގެ ތެރޭގައި ހިމަނައި ދިނުމަށް އެދިފައި ވެއެވެ.
ދެހާސް ދިހަވަނަ އަހަރު ދައްޕަރަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރި އެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ގާއިމް ކުރުމުގެ މަޝްރޫއު ވަނީ ހުއްޓާލާފަ އެވެ. އޭގެ ފަހުން މާޗް 18، 2020 ގައި ރައީސް އިބްރާހިމް ސޯލިހު ވަނީ ފިއްލަދޫގެ އިހުތިސޯސުގެ ތެރޭގައި ދައްޕަރު ހިމަނާފައެވެ. ނަމަވެސް ރައީސް ނެރުއްވި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހު އެކަށައެޅި ގަރާރަށް ބަދަލު ގެންނަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސާސުން ވަނީ ވަކި ކޮށްފައެވެ.
ދައްޕަރު ފިއްލަދޫގެ އިހުތިސާސުން ވަކިކުރި މައްސަލައިގައި ފިއްލަދޫ ކައުންސިލުންވެސް ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
ދައްޕަރު އިންޑިޔާ މީހުންނަށް ސެކަންޑް ހޯމް އަޅަން ދޭން އުޅޭ ކަމުގެ އަޑު މީގެ ކުރިން ވަނީ ގަދަވެފައެވެ. އެހެންނަމަވެސް އެކަމަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އޮތީ ވިދާޅުވެފައެވެ. މީގެ އިތުރުން ދައްޕަރުގައި ވިލާއާއި ވޯޓާ ބަންގަލޯ އެޅުމަށް ފަހު ގަންނަން ބޭނުންވާ ފަރާތްތަކަށް ވިއްލާވާހަކަވެސް ދަނީ ދެކެވެމުންނެވެ. ދައްޕަރު، ފިއްލަދޫން ވަކިކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި "ސޭވް ދައްޕަރު" ގެ ނަމުގައި މިހާރު ވަނީ އެކަމާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.