ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީންއާއްމު އަލްއުސްތާޒު އަހްމަދު މުހައްމަދު ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.

އަހްމަދު މުހައްމަދު މަޖިލީހުގެ އަމީންއާއްމުގެ މަގާމުން އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ސުޕްރީމް ކޯޓުން ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރާއި ގުޅިގެން ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައި ވަނިކޮށެވެ.

އަހުމަދު މިއަދު އިދިކޮޅާ ގުޅިވަޑައިގެން ހުށަހެޅުއްވި ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

އަހުމަދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭރުގެ މަދަނީ ކޯޓު ގެ އިސް ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެންމެ ފުރަތަމަ މަޖިލީހުގެ އަމީންއާއްމުގެ މަގާމަށް އަހުމަދު އައްޔަން ކުރެއްވީ 2005 ވަނަ އަހަރުއެވެ.

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ)، ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެންބަރު އަހްމަދު އަބްދުލްކަރީމް (ރުކުމާ) ވަނީ ދާދިފަހުން ޕީޕީއެމް އާ ގުޅިވަޑައިގެންފައެވެ.