ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީ ސަރުކާރުން އިންސާފު ހޯދައި ނުދެވުނު އިރު ދެން އިންސާފު ހޯދައި ދެވޭނީ ކާކަށްތޯ އައްސަވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަހްމަދު މަލީހް ޖަމާލް ސުވާލު އުފައްދަވައިފިއެވެ.

މަލީހް މިހެން ވިދާޅުވީ، ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން އެންމެ ބާރުކޮށް ދައްކާ އެއް ވާހަކައަކީ އިންސާފުގެ ވާހަކަަ ކަމަށެވެ. އެމްޑީޕީ ސަރުކާރު ވެރިކަމަށް އައި އިރު ނެރެފައިވާ ޖަޒީރާ މެނިފެސްޓޯގައި ވެސް އިންސާފުގެ ވާހަކަ ހިމަނާފައިވާ ކަން ފާހަގަ ކުރައްވަމުން މަލީހް ވިދާޅުވީ، މިއަދު އެންގެން އޮތް ހަގީގަތަކީ އެމްޑީޕީން އިންސާފު ހޯދައި ނުދޭނެ ކަމެވެ.

މިސާލު ޖައްސަވަމުން މަލީހް ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށް ފަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އެ ހާދިސާގައި އިންސާފު ލިބިވަޑައިނުގަތުމުން އެމަނިކުފާނު އެނބުރި ރާއްޖެއަށް ވަޑައިނުގަންނަވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި ރައީސް ނަޝީދަށް އެމްޑީޕީން އިންސާފު ހޯދައި ނުދެވޭ އިރު އެހެން ބަޔަކަށް އިންސާފު ހޯދައިދެވޭނެ ކަމާ މެދު މަލީހް ސުވާލު އުފެއްދެވިއެވެ.

"އެމްޑީޕީގެ ވެރިކަން ނިމިއްޖެ. ހަގީގަތުގައި ބޭއިންސާގުން ދޮގު އިލްޒާމްތަކެއް އަޅުވައި ރައީސް ޔާމީން ޖަލުގެ ތޭރިތަކުގައެއް ނޫން ބާއްވަން ޖެހެނީ. އަޅުގަނޑު މިއަދު ގޮވާލަން ދިވެހިރާއްޖޭގެ ގާނޫނު އިސްލާހު ކުރައްވާ އޭގެ ވަކި މާއްދާއެއް ލިޔުއްވާ ރައީސް އަބްދުﷲ ޔާމީނަށް ދެއްވަން އެބަޖޭހޭ ތަރައްގީގެ ބާނީގެ ލަގަބް"
މުހައްމަދު މަލީހް ޖަމާލް

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެއްވުމަށް ވެސް މަލީހް ވަނީ ގޮވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޖަޒީރާ މެނިފެސްޓޯގައި ލިޔެފައިވާ ލިޔުންތަކާ ގުޅިގެން ވާހަކަ ދައްކަވަމުން މަލީހް ވިދާލުވީ ޖަޒީރާ ވައުދުނާމާގެ 99 ވަނަ ސޮފްހާގައި ވަރަށް ސާފުކޮށް ރައީސް ސޯލިހްގެ ވެރިކަން ނިމިއްޖެ ކަމަށް ލިޔެފައިވާ ކަމަށެވެ. އޭގައި ބުނާ ގޮތުން ނަމަ 2020 ވަނަ އަހަރު ރައީސް ސޯލިހް އިސްތިއުފާ ދެއްވާފައި އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް މަލީހް ވިދާޅުވިއެވެ.

އެހެންކަމުން ރައިށް ޔާމީނަށް ވާދަކުރެވޭ އިންތިހާބެއް މިއަހަރު ތެރޭ އޮންނަން ޖެހޭ ކަމަށް މަލީހް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގެ މާއްދާއެއް ލިޔުވާފައި ރައީސް ޔާމީނަށް ތަރައްގީގެ ބާނީގެ ލަގަބް ދެއްވަން ޖެހޭ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ