އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަނަވާ ބައެއް ފަނޑިޔާރުން ވާހަކަ ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކަކަކީ އެ ފަނޑިޔާރުންގެ އަޑު ނޫން ކަމަށް ބުނެ އިންކާރު ކޮށްފިއެވެ.
ޖޭއެސްސީން މިހެން ބުނީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވި ގާޒީންނަށް އެމައްސަލަ ވަކި ގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯގެ މައްސަލަ ފެންމަތިވުމުން އެ މައްސަލައިގެ ތަހުގީގުގެ ތެރެއިންނެވެ.
މިހާތަނަށް އެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމްކުރި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްްގެ އޯޑިއޯ ވަނީ ލީކުވެފައެވެ. ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.
ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް އާއި އަލީ އާދަމް އަދި މުހައްމަދު ސަމީރު ފަރާތުން މައުލޫމާތު ސާފު ކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަދި އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައި ވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށް ވާ ގާޒީ އަލީ ރަޝީދު ހުސައިން އާއި އަހްމަދު ޝަކޫލް އާ ސުވާލު ކޮށްފަިއވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އަދި އެ ފަނޑިޔާރުން ވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރެއްވި ކަމަށް ޖޭއެސްސީން ބުނެއެވެ.
އަދިވެސް މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި މީޑިއާގައި ދައުރުވާ އޯޑިއޯތަކުގެ އެނަލިސިސް ހަދަން ފުލުހުންގެ އިދާރާގައި ވާނީ އެދިފައި ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި މި ތަހުލީލަށް އޯޑިއޯގައި ވާހަކަ ދެއްކި ކަމަށް ބުނާ ފަނޑިޔާރުން އޯޑިއޯ ސާމްޕަލް ދިނުމަށް ވެސް ވަނީ ރުހުން ދީފައި ކަމަށް ޖޭއެސްސީން ބުނެއެވެ.