ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާގައި ވެކްސިން އުފައްދާ މިންވަރު އިތުރުވެ، އެ ގައުމުގެ ބޮޑެތި މީހުންގެ އާބާދީގެ 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ 1 ޑޯޒް ނަމަވެސް ޖަހާފައި ވުމާއެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގައުމުން އަނެކާވެސް ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރަން ފަށާފާނެ ކަމުގެ ފެހި ސިގުނަލެއް ލިބިއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އެއްހާ ގައުމަށް 66 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކޮށް ނުވަތަ ވިއްކުމަށްފަހު، އިންޑިއާގެ އާބާދީއަށް ވެކްސިން ސަޕްލައި ހާއްސަކޮށް، ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރުން މަޑުޖައްސާލީ، އިންޑިއާއަށް ކުރިމަތިލާން ޖެހުނު ކޮވިޑްގެ ތޫފާނީ ރާޅުގެ ތެރެއިން، މިދިޔަ އޭޕްރިލް މަހުގެ މެދަކާ ހިސާބުގައެވެ. މިއާއެކު އެފްރިކާއާއި ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކުގެ ވެކްސިން މަޝްރޫއަށް ބޮޑު ލޮޅުމެއް އަރާ، ބުރޫއެރިއެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ޑޯޒް ޖަހާ މިންވަރު، 10 މިލިއަންގެ ފާހަގަ ހުރަސް ކުރީ މިދިޔަ ހުކުރު ދުވަހުއެވެ. މި ދަނޑިވަޅަކީ އިންޑިއާގައި ކޮވިޑް ވެކްސިން ޑޯޒް އުފައްދާ މިންވަރުވެސް ދެގުނަ އިތުރު ކޮށްފައި ވާ ދަނޑިވަޅެކެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައިވެސް މިއަދަދު ދާނީ މައްޗަށް ކަމަށް ހަބަުރ ލިބެއެވެ.

ދުނިޔޭގެ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން މިހާރު ދަނީ، މަހެއްގެ މައްޗަށް 150 މިލިއަން ޑޯޒްގެ ކޮވިޝީލްޑް ވެކްސިން އުފައްދަމުންނެވެ. މިއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނީގެ ކޮވިޑް ވެކްސިން ފޯމިއުލާއަށް، ސީރަމް އިންސްޓިޓިއުޓުން ސިނާއީ ފެންވަރުގައި އުފައްދާ ވެކްސިނެކެވެ.

އިންޑިއާއިން ވެކްސިން އެކްސްޕޯޓް ކުރުމުގެ މަސައްކަތް އަލުން ފަށާނެ ތާރީހެއް، އަދި ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ނަމަވެސް ކުރިއަށް އޮތް މަދު މަސްކޮޅެއްގެ ތެރޭގައި އެކަން ފެށޭނެ ކަމަށް ގަބޫލު ކުރާ ކަމަށް، ކަމަ ބެހޭ މަސްދަރަކުން ވަނީ ހާމަކޮށްފައެވެ.

ސީރަމް އިންސްޓިޓިއުޓުން މީގެ ކުރިންވެސް ވަނީ، އަހަރު ފަހުކޮޅު، ވެކްސިން އެކްސްޕޯޓް ކުރެވޭ ވަރު ވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެންމެ ފަހުން ލިބުނު ފެހި ސިގުނަލާ ގުޅިގެން ސީރަމް އިންސްޓިޓިއުޓްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.