ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވި ޝަރީއަތް ކްރިމިނަލް ކޯޓްގައި ހިންގި އިރު، ބެންޗްގެ ބައެއް ފަނޑިޔާރުންގެ އޯޑިއޯ ލީކުވި މައްސަަލައިގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ރީތި ގޮތުގައި ރައީސް އިސްތިއުފާ ދިނުމަށް ގޮވާލާ އިހުތިޖާޖަށް ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

މިއީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ރައީސް އޮފީހުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ކުރާ އިހުތިޖާޖެކެވެ.

މިއަދު ހެނދުނު 11:00 ޖަހަން ދެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމާއެކު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ރައީސް އޮފީސް ކައިރިއަށް އިހުތިޖާޖަށް ވަޑައިގަތެވެ. ރައީސް އޮފީސް ކުރިމަތީ މެންބަރުން މާ ގިނަ އިރު ތަކެއް ނުތިއްބަވާ އެތެރެއަށް ވަދެވަޑައިގަތެވެ. ވަދެ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ނުކުމެވަޑައިގެން ރައީސް އޮފީސް ކުރިމަތީގައި މެންބަރުން ތިއްބެވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވީ ރައީސް އޮފީހަށް ވަނުމުން އިރުކޮޅަކު މަޑުކޮށްލަން ބުނެފައިވާ ކަމަށާއި މިހާރު ގާތްގަނޑަކަށް 20 މިިނިޓް ވެދާނެކަމަށެވެ. އަދި ރައީސްއާއި ބައްދަލު ނުކުރެވުނު ކަމަގައި ވިޔަސް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ބައްދަލުކުރައްވަން ބޭނުންވާ ކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

އިދިކޮޅުން ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައިވެސް އިހުތިޖާޖުކޮށްފައެވެ.

އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ގޮވާލައްވާ ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ހުޅުވާލުމަށް ގޮވާލައެވެ. އެ މައްސަލަ މިއަދުގެ ޖަލްސާއަށް ބަހުސް ހުޅުވާނުލެވުނީ އެހެން މައްސަލައެއް ވެސް ހުށަހެޅި ގުރުއަތުން ދެން އޮތް މައްސަލަ ހޮވުމުންނެވެ