އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކެއް ނެގި މައްސަލަ މުރާޖާކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ރޭ އައްޑޫގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި ގޯތީގެ މައްސަލަ ރިވިއު ކުރުމަށް އެދި 6 ކައުންސިލަރުން ވަނީ ސޮއިކޮށްފައެވެ.
އެއީ ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު، މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ ރަޝީދު،، ފޭދޫގެ ދެ ކައުންސިލަރުން ކަމަށްވާ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް، މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ، މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާގެ އަދި ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުއް ރަހްމާންއެވެ.
ރޭގެ ބައްދަލުވުމުގައި އެހެން ސަރަހައްދަކަށް ގޯތިތައް ބަދަލުކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުން މުރާޖާކުރަން ފެންނަ ކަމަށް ހަތް ކައުންސިލަރަކު ވޯޓް ދެއްވާފައިވާ އިރު ފަސް ކައުންސިލަރުން ވަނީ ދެކޮޅަށް ވޯޓް ދެއްވާފައެވެ.
އެގޮތުން އެ ގޯތިތަކުގެ ވެެރިންނާއި މަޝްވަރާ ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާ 15 ދުވަސްތެރޭގައި ތަފްސީލީ ރިޕޯޓެއް ހުށައެޅުމާ އަދި ކައުންސިލުން އަލުން ގޮތްތަކެއް ނިންމުމަށް ވަނީ ހަށަހަޅާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯތި އަތުލަން ނިންމީ މުޅި އައްޑޫ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ މިދިޔަ މަހުއެވެ. އެކަމާ ބައެއް ގޯތިތަކުގެ ވެރިން ހިތްހަމަނުޖެހި ބައެއް މީހުން ވަނީ ހިތަދޫ ކޯޓުގައި ކައުންސިލާ ދެކޮޅަށް ދައުވާކޮށްފައެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ ގޯތިތައް ނަގަން ސިޓީ ކައުންސިލުން ނިންމީ އައްޑޫ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި އެ ސިޓީގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެތީ އެއީ މުޅި ސިޓީގެ މަސްލަހަތާ ގުޅޭ ކަމަކަށް ވާތީ ކަމަށް ބުނެއެވެ.