އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 846 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އާ 14 ކޭސް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 10 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށާއި 2 ކޭސް ހިތަދޫ އިން ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މަރަދޫފޭދޫ އަދި ފޭދޫ އިން ކޮންމެ ރަށަކުން ކޭސް އެއް ފެނިފައިވެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 8 ޑައިރެކްޓް ކޮންޓެކްޓާ، 2 ރެންޑަމް ސާމްޕަލްއެއް އަދި ފުލޫ ކްލިނިކުން 3 މީހަކާއި ހޯމް ކަރަންޓީނުގައި ހުރި އެކަކު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫއިން 846 ކޮވިޑް ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 676 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ތިން މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 167 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 86 ކޭސްއެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 25 ކޭސް، ފޭދޫގައި އެކްޓިވް 20 ކޭސް، ހިތަދޫގައި 34، ހުޅުދޫ އަދި ގަމުގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫ ސިޓީގައި ކޭސްތައް އިތުރުވަމުންދާތީ އައްޑޫގައި އިއްޔެ ވަނީ ހަރުކަށި ފިޔަވަޅުތައް ވެސް އަޅާފައެވެ.