ސްކޫލް ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 32،554 ދަރިވަރަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19އިން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި މާލެއާއި އަތޮޅުތެރެއިން މިހާތަނަށް 32،554 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި ޖުމްލަ 190 ސްކޫލަކުން ދަރިވަރުންނަށް ވެކްސިން ޖަހަން ފަށާފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ވަނީ ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރަން ނުޖެހޭނެ ކަމަށާއި ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި ކަމަށް ބުނެފައެވެ. އެގޮތުން 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުންނެވެ. ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.