ކޮރޮނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް މޮޑާނާ ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިންގައި ތަޣައްޔަރުކަމެއް އުޅޭ ކަމުގެ އިތުރު މައްސަލައެއް ފާހަގަ ކުރެވިގެން ކަމަށް ބުނެ، އެ ވެކްސިން ޖަހާދިނުން މިވަގުތަށް ސަސްޕެންޑް ކޮށްފައި ވާ ކަމަށް، ޖަޕާނުގެ އޮކިނާވާ ސަރަހައްދުގެ ލޯކަލް ގަވަމަންޓުން ބުނެފިއެވެ.

އޮކިނާވާ ލޯކަލް ގަވަމަންޓްއިން މިކަން ހާމަކޮށްފައި ވާއިރު، މޮޑާނާގެ ތަޣައްޔަރު ވެފައި ވާ ވެކްސިން ބެޗްތަކެއްގެ ސަބަބުން، ވެކްސިން ޖެހި 2 ފިރިހެނަކު މަރުވި މައްސަލައެއް ބަލަމުން އަންނަ ކަން، ޖަޕާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ، މީގެ 1 ދުވަސް ކުރިން ހާމަކޮށްފައެވެ. ނަމަވެސް އެ 2 ފިރިހެން މަރުވީ، މޮޑާނާ ވެކްސިންގައި މައްސަލައެއް އުޅޭތީ ކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މޮޑާނާގެ ކޮވިޑް ވެކްސިން ޖަހާދިނުން މަޑުޖައްސާލާފައި ވަނީ، ވެކްސިންގައި ހުންނަންޖެހޭ މާއްދާތަކުގެ އިތުރުން "ބިދޭސީ" މާއްދާތަކެއް، އެ ވެކްސިންގައި އެކުލެވޭތީ ފާހަގަ ކުރެވިގެންނެވެ.

މޮޑާނާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރިފަހުން ޖަޕާނުން 2 ފިރިހެނަކު މަރުވި މައްސަލަ ފެންމަތިވީ މި އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ.

ވެކްސިން ވައެލްތަކެއް ތަޣައްޔަރު ވެފައި ވުމާއެކު، ސަރުކާރުން ވަނީ، ސަސްޕެންޑް ކޮށްފައި ވާ 3 ބެޗުން ސާމްޕަލް ނަގާފައެވެ.

ވައެލްތަކުން ފެނުނު ބިދޭސީ މާއްދާއާ ބެހޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. މި ޑޯޒްތަކަކީ، މޮޑާނާގެ ވިލާތު ކޮންޓްރެކްޓަރަކު ތަރައްގީ ކޮށްފައިވާ ޑޯޒްތަކެކެވެ. ފާމަސޫޓިކަލް ކުންފުނި، ރޯވީއިން ބުނީ، ހަމައެކަނި ޖަޕާނަށް ދިޔަ ބެޗްގައި މަސައްލަ އުޅޭތީ، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.