ޓެރަރިސްޓް ތޯލިބާން ޖަމާއަތުން ކޮންޓްރޯލް ނަގާފައިވާ އަފްގާނިސްތާން ދޫކޮށް، އިނގިރޭސިވިލާތަށް ދަތުރު ކުރަމުން ދިޔަ ފްލައިޓް ތެރެއަށް، އަފްގާން ރެފިއުޖީއަކު ވިހައިފިއެވެ.

ވައިގެ ތެރޭގައި، 30000 ފޫޓު މަތިން، ބާމިންގްހަމްއަށް އުދުހެމުން ދިޔަ ފްލައިޓް ތެރެއަށް ވިހޭ، އުމުރުން 26 އަހަރުގެ ސުމާން ނޫރީއަށް ލިބުނީ އަންހެން ކުއްޖެކެވެ.

ޓާކިޝް އެއާލައިންސްއިން ބުނީ ސުމާން ވިހެއީ ދުބާއީއިން އުދުއްސާލި ފްލައިޓެއްގެ ތެރޭގައި ކަމަށެވެ. ފްލައިޓްގައި ޑޯކްޓަރެއް ނެތުމުގެ ސަބަބުން، ސުމާން ވިއްސަން އެހީތެރިވީ، ކެބިން ކުރީއިން ކަމަށް މައުލުމާތު ލިބެއެވެ. ޓާކިޝް އެއާލައިންސްއިން ބުނީ، ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ބާމިންގްހަމްއަށް ފްލައިޓް ޖެއްސުމުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުވައިތުގައި ފްލައިޓް ލޭންޑްކުރި ކަމަށްވެސް އެއާލައިނުން މައުލޫމާތު ދެއެވެ.

އަފްގާނިސްތާން ދޫކޮށް އިނގިރޭސިވިލާތަށް އުދުހެމުން ދަނިކޮށް ފްލައިޓް ތެރޭގައި ވިހޭ ސުމާން ނޫރީއާއި ދަރިފުޅު ހައްވާ، އާއިލާގެ އެހެން މެންބަރުންނާއެކު / ފޮޓޯ: ރޮއިޓާޒް

ފްލައިޓް ތެރެއަށް އުފަންވި ކުއްޖާއަށް ދީފައި ވާ ނަމަކީ ހައްވާ ކަމަށް ހަބަރު ލިބެއެވެ.

މި ދަތުރުގައި، ސުމާންގެ ފިރިމީހާ، ތާޖު މުޙައްމަދު ހައްމަތު،30، އާއި އެ ދެމަފިރިންގެ އިތުރު 2 ދަރިންވެސް ބައިވެރިވިއެވެ.

މިއީ އަފްގާނިސްތާނުން އުދުއްސާލި އިވަކުއޭޝަން ފްލައިޓެއްގެ ތެރެއަށް އުފަންވި 2 ވަނަ ކުއްޖާއެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން، ޖަރުމަނުވިލާތުގެ ރެމްސްޓީން އެއާ ބޭސްއަށް ދަތުރު ކުރަމުން ދިޔަ އިވަކުއޭޝަން ފްލައިޓެއްގެ ތެރޭގައިވެސް މީހަކު ވަނީ ވިހާފައެވެ.