އައްޑުއަށް ބްރިޖަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު އެހެން ވިދާޅުވީ އައްޑޫގެ ތަރައްގީއާއި ބެހޭ ގޮތުން ރޭ ކުރިއަށްދިޔަ އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ވަހީދު ވިދާޅުވީ އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫ އެ ސިޓީގެ އެހެން ރަށްތަކާ ގުޅާލަދޭ ބްރިޖަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށާއި އަދި އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށް އެދި މަސައްކަތްކުރަން ޖެހޭ ކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ނެރޭ މެނިފެސްޓޯގައި އައްޑޫގެ ރައްޔިތުން އެދޭ ގޮތައް ބްރިޖް އަޅަން ހިމަނާ ދޭނެ ކަމަށް ވެސް ޑރ. ވަހީދު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އައްޑޫގައި ޓްރާންސިޓް ބަނދަރެއް އޮތުން އެއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވިއެވެ. އެކަން އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވަނީ އާބާދީ ބޮޑުކުރެވޭނެ ސިޔާސަތެއް ސަރުކާރުން ކަނޑައަޅާފައި އޮންނަންޖެހޭ ކަމަށާ ރާއްޖެއަކީ ހަމައެކަނި ދިވެހިން އުޅޭތަނަކަށް ހަދައިގެން އެކަށީގެންވާ ވަރުގެ އާބާދީއެއް ނުއުފެއްދޭނެ ކަން ވެސް ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖެއަށް ހުނަރުވެރި ތައުލީމީ ފައިސާ ހުރި މީހުން އަންނަންޖެހޭ ކަމަށާ ކުންފުނިތަކުންނާއި އިންވެސްޓަރުންނަށް ރާއްޖޭގައި އުޅެވޭނެ ގޮތްތަކެއް ފަހިކޮށްދޭންޖެހޭ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.