ގދ. ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު މަރުވެފައި ވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މިރޭ 6:30 ހާއިރު ގދ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި މަރާ އެކު މި ބަލީގައި މިހާތަނށް މަރުވި ޖުމްލަ މީހުންގެ އަދަދު މި ވަނީ 226 އަށް އަރާފައެވެ. އެހެންކަމުން މިއީ މި މަހު މަރުވި 4 މީހާއެވެ.

މި މަހު ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ދެވަނަ ދުވަހުއެވެ. އެއީ ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. ފުވައްމުލަކުން މަރުވެފައިވާ މީހާއަކީ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނަ އަށް މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ތިންވަނައަށް މަރުވެފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އަައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 92 އަހަރުގެ އަންހެނެކެވެ. އެއަށްފަހު ހަމަ އެ ދުވަހު އުމުރުން 49 އަހަރުގެ ދިވެހި އަންހެނަކު ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

މި 5 މަރުގެ އިތުރުން މި މަހު ލަންކާގައި ހުރި ދިވެއްސަކުވެސް ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 226 އަށް އަރާފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 177 މީހަކު މަރުވެފައެވެ.