ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 60 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ، ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ މަސައްކަތުގެ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިއަދު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ. މިހާރު މި މަސައްކަތުގެ 60 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާ، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާ، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން އަދި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާ، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް އެ މަޝްރޫގެ ދަށުން ހިމެނެއެވެ.

މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ސްކޯޕަށް ބަދަލު އައުމާއެކު މިހާރު އަގަކީ 59.1 މިލިއަން ރުފިޔާ ކަމަށެވެ.