އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ، މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް (ކޮޕް26) އިން އެދެވޭ ނަތީޖާއެއް ނެރުމަކީ، "ދިރިހުރުމާއި މަރާ" ގުޅިފައި ވާ ކަމެއް ކަމަށް، އދގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ނިއްކޭއީ އޭޝިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ، ކޮޕް26 އާ ދިމާކޮށް، އދގެ އާންމު މަޖިލީހުގެ ރިޔާސަތު، ތަރައްގީ ވަމުން އަންނަ ކުޑަ ޖަޒީރާ ގައުމަކަށް ލިބުމަކީ އިންތިހާއަށް މުހިންމު ގޮތެއްގައި ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ. ދިވެހި ރާއްޖެއަކީ މި ޝަރަފު ލިބުނު، މިފަދަ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.

މޫސުމީ ނޭދެވޭ ބަދަލަކީ، ދިވެހިންނަށް ސައެންސްގެ ފަލްސަފާއެއް ނޫން ކަމަށާ، މިކަމަކީ، ދިވެހިންގެ ދެމި އޮތުމާ ގުޅިފައި ވާ ކަމެއް ކަމަށެވެ. ދިރިހުރުމާއި ނެތި ދިއުން ގުޅިފައި ވަނީ، މި މަރުހަލާތަކުގެ ތެރެއިން ހާސިލުވާ ކަމެއްގެ މައްޗަށް ކަމަށްވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކަށް މަގުފަހި ކުރާ އެންމެ ބޮޑު އެއް މަސްދަރަކީ ޖައްވު ހޫނު ކުރާ ވިހަ ގޭސް ކަމަށް ވާއިރު، ގައުމުތަކުން ޖައްވު ހޫނުކުރާ ގޭސް ބޭރު ކުރާ މިންވަރު މަދު ކުރުމަށް އިތުރަށް ބާރު އެޅުއްވުމުގެ ގޮތުން، އދގެ ހާއްސަ ބައްދަލުވުމެއް އިންތިޒާމް ކުރައްވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކަށް ގައުމުތައް އަހުލުވެރި ކުރުވުމަށް އެކުލަވާލާފައި ވާ 100 ބިލިއަން ޑޮލަރުގެ ފަންޑަށް އެހީ ހޯދުމަށްވެސް މިކަމުގެ ތެރެއިން މަސައްކަތް ކުރެވޭނެ ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މޫސުމާ ގުޅުން ހުރި ކަންކަމަށް ފަންޑު ކުރުމަށް ގައުމުގެ ބަޖެޓްތަކުގައި ފަންޑު ކުރި ފައިސާ، ކޮވިޑް-19 ފަދަ އާލަމީ ބަލިމަޑުކަމުގެ ކަންކަމަށް ހަރަދު ކޮށްފައި ވާ ކަން ފާހަގަ ކުރައްވަމުން ޝާހިދު ވަނީ، އެއް ކަމަކަށް ސަމާލުކަން ދީ، އަނެއް ކަން ހަވާސާ ކޮށްލެވެން ނޯންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މައްސޫލިއްޔަތުތައް ޝާހިދު ރަސްމީކޮށް އަދާކުރައްވަން ފައްޓަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.