ރިސޯޓު މުވައްޒަފުންގެ 93 ޕަސަންޓް މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުން ދައްކާގޮތުން ރިސޯޓު މުވައްޒަފުންގެ ތެރެއިން 99 ޕަސަންޓް މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 93 ޕަސަންޓް މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ޕްރޮގުރާމް ފަށަފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް 389،379 މީހުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 300،671 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.