ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާފަދަ ހަމަލާތަކެއް އަމާޒުވަމުން ދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް އެހެން ވިދާޅުވީ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޝަމާލް ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްްޓަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާ އެގޮތުން ތަފާތު އެކިއެކި ގޮންޖެހުންތަކާ ކުރިމަތިކުރުވަމުން ދާ ކަމަށެވެ. އަދި ސަލާމަތީ މަސްރަހު ކިލަނބުވެފައިވާ މިދުވަސްވަރު ހައިބްރިޑް އިންޒާރުތަކާއި އެކިއެކި ނުރައްކާތެރި ފަރާތްތަކުން އުދުވާނީ ހަމަލާތައް ރާއްޖެއާ ދިމާލަށް އަމާޒުކުރަމުން ގެންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އަދުގެ ދުނިޔެ އާއި ރާއްޖެ މި ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްޓަށްވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުން. ތަފާތު ގޮންޖެހުންތަކާއި ދަނީ ކުރިމަތި ކުރުވަމުން. ސަލާމަތީ މަސްރަހު ކިލަނބުވެފައިވާ މި ދުވަސްވަރު ހައިބްރިޑް-ތްރެޓްތަކާއި އެކިއެކި ނުރައްކާތެރި ފަރާތްތަކުން އުދުވާނީ ހަމަލަތައް ވެސް ރާއްޖެއާއި ދިމާލަށް ދަނީ އަމާޒު ކުރަމުން،
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

އެކަންކަމާ ކުރިމަތިލުމަށް ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށް ނިޒާމުތައް ހަރުދަނާކޮށް އާލާތްތައް ގިނަކޮށް ވަސީލަތްތައް ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވަނީ އެކަމަށް ކުރަންޖެހޭ ހަރަދުތަކާއި، ހަތިޔާރު ގެނައުމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަސްކަރިއްޔާ ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.