ޖިންސީ ކުށުގެ ދައުވާގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގައެވެ. އެ މައްސަލަގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރީ އަލީ ވަހީދު ކޯޓަށް ހާޒިރު ވެފައި ނުވާތީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަހީދުގެ ވަކީލުން ވަނީ އޭނާ އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އެގައުމުގެ ފުލުހުން އަލީ ވަހީދު ހައްޔަރުކޮށްފައި ވާކަން ސިޓީއަކުން ކޯޓަށް އަންގާފައެވެ.

އިނގިރޭސި ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ވިސާ ހަމަވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާ ގުޅިގެން ފުލުހުން ވަނީ އަލީ ވަހީދު ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް އިނގިރޭސި ފުލުހުންނާ ގުޅޭ އެއްވެސް ފަރާތަކުން އަދި ހިއްސާ ކޮށްފައި ނުވާ ކަަމަށް ބުނެފައެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަމާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔޫކޭގެ ފުލުހުން ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އޭނާ ރާއްޖެ އައުމަށް ކްރިމިނަލް ކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް އޮތީ އަންގާފައެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުން ސްޕްރީމް ކޯޓުގައި ތާވަލުކޮށް ކުރިޔަށް ގެންދިޔަ އިރު އެ އަޑުއެހުމަށް ވަޑައިގެންފައި ނުވާތީ އަލީ ވަހީދުގެ މައްޗަށް ވަނީ ކޯޓުގެ ހުރުމަތް ކަނޑައިފައި ވުމުން 2 މަހާ 12 ދުވަހުގެ ޖަލު ހުކުމެއް ވެސް ކޮށްފައެވެ.

ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާ ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފައެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.