ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު އެހެން ވިދާޅުވީ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުރީ ފަސް ބިލިއަން ޑޮލަރުގައި ކަމަށާއި ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު ދެ ގުނައަށް އިތުރު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކޮށް، ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމި އަދި އެތެރޭގެ ދަތުރުފަތުރުގެ ވިއުގަ އަޕްގްރޭޑު ކުރުމުންނާއި މިހާރު ޕްލޭންކޮށްފައިވާ ރިޒޯޓު ތަރައްގީގެ މަސައްކަތްތައް ނިމުމުން ކުރިއަށް އޮތް އަހަރުތަކުގައި އިގުތިސާދު 10 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މާލެ ސަރަހައްދަށް ލިބިގެންދާނެ އެންމެ ބޮޑު އެއް ލުޔަށް ވާނީ، މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ހައްލު ލިބުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި މާލެ ވިލިމާލެ އައި ތިލަފުއްޓާ ދެމެދުގައި، ދަތުރުކުރުމުގެ ދަތިތަކަށް ހައްލު ލިބި ދަތުރުފަތުރުގެ ނިޒާމު ވެސް ހަރުދަނާވެގެންދާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ބުރިޖުން ގުޅާލުމުގެ ސަބަބުން ގުޅީފަޅުގައި، ކޮމާޝަލް ބަނދަރުން ހިދުމަތް ހޯދުމަށް ވެސް ލުއި ލިބިގެން ގޮސް ރާއްޖޭގެ އިގްތިސޯދަށް އެކަށީގެންވާ ރަނގަޅު ބަދަލެއް އަންނަތަން ފެންނާނެ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
ބްރިޖްގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައިވާ މާލެއާއި ތިލަފުށި ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހު ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލް ތަކުގައި ވާ ގޮތުގައި ބުރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ.