ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ނޫން އެހެން ގޮތަކަށް ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރަން އަންނަ ބިދޭސީންގެ ބިޒްނަސް ވިސާ އެޕްލިކޭޝަން ދެން ބަލައިގަންނާނީ އިކޮނޮމިކް މިނިސްޓްރީން ހަދާފައިވާ ޕޯޓަލްއެއް މެދުވެރިކޮށް އެކަނި ކަމަށް އެމިނިސްޓްރީން އިއުލާންކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން ބިޒްނަސް ވިސާ އެޕްލިކޭޝަން ފޯމު ދެން ބަލައިގަންނާނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.

އެ ގަވާއިދުގައިވާ ގޮތުން އެޕްލިކޭޝަން ހުޅަހަޅާ ފަރާތެއްގެ ޝަރުތު ހަމަވާނަމަ، އެޕްލިކޭޝަން ބަލައިގަންނަތާ 10 ދުވަހުގެ ތެރޭގައި ބިޒްނަސް ވިސާއެއް ހޯދުމުގެ ހުއްދަ ދޭނެއެވެ. އަދި 750 ރުފިޔާގެ ފީއަކަށް، އެމީހަކަށް ވިސާ ދޫކުރާނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންއެވެ.

މީގެ ކުރިން އެ ވިސާއަށް އެދެން ޖެހެނީ އިމިގްރޭޝަން މެދުވެރިކޮށެވެ. އަދި ކުރިއެކޭ އެއްގޮތަށް މިހާރުވެސް، ރާއްޖޭގައި ވިޔަފާރި ކުރަން ޝަރުތު ހަމަނުވާ މީހުންނަށް ބިޒްނަސް ވިސާ ނުދިނުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިފައިވެއެވެ.

ބިޒްނަސް ވިސާ ދޫކުރާނީ އެ ވިސާއަށް އެދި ހުށަހަޅާ ފަރާތަކަށް ކޮންމެ މީލާދީ އަހަރެއްގެ ތެރޭގައި، 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. އަދި ވިސާގެ މުއްދަތު އިތުރު ކުރާނީ އެއް އަހަރުގެ ތެރެއިން 90 ދުވަހަށް ވުރެ އިތުރު ނުވާނެ ގޮތަކަށް، ކޮންމެ ފަހަރަކު 30 ދުވަހަށެވެ.